ބޯހިމެނުން

މައުލޫމާތު ނުލިބޭ 900 ތަނެއް ހުރުމުން ވަގުތީ ނަތީޖާ ފަސްކޮށްފި

Oct 2, 2022

މާލެ ސަރަހައްދުގައި ބޯހިމެނުމުގެ މަސައްކަތަށް މައުލޫމާތު ބޭނުންވާ އެކަމަކު އަދިވެސް މައުލޫމާތު ނުލިބޭ 900 އަށް ވުރެ ގިނަ ތަންތަން އެބަހުރި ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން ބުނެފި އެވެ.

ތަފާސްހިސާބުގެ ގައުމީ އިދާރާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މައުލޫމާތު ނުލިބޭ ތަންތަނުން މީހުންނާ ގުޅޭގޮތް ވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ. ބައެއް ތަންތަނުން މައުލޫމާތު ނުލިބިވަނީ ތަޅުލާފައި ހުރުމުންނާއި، މައުލޫމާތު ދެވޭ ވަރުގެ މީހަކާ ދިމާނުވުމާއި، ރަށުން ބޭރުގައިވުމާއި، އެނިއުމަރޭޓަރުން ދީފައިވާ އެޕޮއިންޓްމަންޓަށް އެމީހުންނަށް ނުދެވުމުގެ ސަބަބުންނެވެ.

"އެހެންކަމުން އަދި މިހާތަނަށް ބޯހިމެނިފައި ނުވާ ތަންތަނާއި ލޭބާ ކުއާޓަ އަދި ރަޖިސްޓާ ކޮށްގެން ހިންގާ އިގްތިސާދީ މަސައްކަތް ހިންގާ ތަންތަނުން އަދި ބޭނުންކުރާ ތަންތަންވެސް ވީވަރަކުން ފާހަގަކޮށްދެއްވާ މިބިއުރޯއަށް އަންގަވާލަ ދެއްވަމުން ގެންދިއުމަށް އާންމުންގެ ކިބައިން މިބިއުރޯ އިން އެދެމެވެ.،" ބަޔާނުގައިވެ އެވެ.

އެމްބީއެސް އިން ވަނީ ބޯހިމަނާފައި ނުވާ މީހުންނާއި ތަންތަނުން ބިއުރޯގެ ހޮޓްލައިން ނަންބަރު 1423 ނުވަތަ 3008400 ނަންބަރަށް ގުޅުމުން މައުލޫމާތު ނެގުމުގެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ބުނެފަ އެވެ.

ބޯހިމެނުމުގެ މަސައްކަތް މާލެ ސަރަހައްދުގައި އަދިވެސް ނިންމާލެވިފައި ނުވާތީ ވަގުތީ ނަތީޖާ އިއުލާންކުރާ ދުވަސް މިހާރު ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފަ އެވެ. ކުރިން ވަގުތީ ނަތީޖާ އިއުލާންކުރުމަށް ނިންމާފައި އޮތީ މިމަހުގެ ހަވަނަ ދުވަހު އެވެ.

ތަފާސްހިސާބުގެ ގައުމީ އިދާރާ އިން ބުނީ ބޯހިމެނުމުގެ ދާއިމީ ނަތީޖާ ކުރިންވެސް ނިންމާފައިވާ ގޮތަށް މިމަހުގެ 20 ވަނަ ދުވަހު އިއުލާންކުރާނެ ކަމަށެވެ.

މިދިޔަ މަހުގެ 13 ވަނަ ދުވަހު މުޅި ރާއްޖޭގައި ފެށި ބޯހިމެނުމުގެ ފީލްޑް މަސައްކަތް މިދިޔަ މަހުގެ 25 ވަނަ ދުވަހު ވަނީ އަތޮޅު ތެރޭގެ ނިންމާލާފަ އެވެ.