ބޯހިމެނުން

އައްޑޫގައި ބޯހިމެނުމުގެ މަސައްކަތް ނިންމާލައިފި

Sep 24, 2022

އައްޑޫ ސިޓީގައި ބޯހިމެނުމުގެ މަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައިވާތީ އައްޑޫގައި ބޯހިމެނުމުގެ މަސައްކަތް ނިންމާލާފައިވާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) ބުނެފި އެވެ.

ސްޓެޓިސްޓިކްސް އޮފީހުން މިހެން ބުނެފައިވަނީ ބޯހިމެނުން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ތާރީހުގެ ކުރިން އައްޑޫގައި ބޯހިމެނުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މެސެޖުތަކާއި ގުޅިގެންނެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ އައްޑޫގައި ކުރިއަށް ގެންދިޔަ ބޯހިމެނުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށެވެ. އެހެންވެ ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އައްޑޫގައި ގޭބިސީތަކަށް ގޮސްގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ނުދާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ހީވަނީ ބައެއް ބޭފުޅުންނަށް އޮޅުމެއް އަރާފައި އެވަނީ ބޯހިމެނުމުގެ ތާރީހު އަޅުގަނޑުމެން އިއުލާންކޮށްފައިވާ ގޮތަކުންހެން. އަޅުގަނޑުމެން އިއުލާންކޮށްފައި އެވާ ތާރީހަކީ ހުރިހާ ރަށެއްގެ ހުރިހާ މަސައްކަތެއް ނިންމޭނެ ގޮތަށް ކަނޑައަޅާފައިވާ ޖުމްލަ ތާރީހެއް. މިހާރު އިއުލާންކޮށްފައިވާ ތާރީހުގެ ކުރިން ބައެއް ރަށްތަކުގެ މަސައްކަތް ނިމޭނެ،" އައިޝަތު ވިދާޅުވި އެވެ.

ބޯހިމެނުމުގެ މަސައްކަތް މުޅި ރާއްޖޭގައި ފެށީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މަސައްކަތް ނިންމާލުމަށް ހަމަޖެހިފައިވަނީ މާދަމާ އެވެ. ނަމަވެސް މާލެއާއި ހުޅުމާލޭގައި މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ބޯހިމެނުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.

އައްޑޫގައި ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް އެ މަސައްކަތުގައި އުޅުނު އެނިއުމަރޭޓަރުން ބޭނުންކުރި ޓެބްލެޓްތައް މާލެ ގެނެސްފައިވާ ކަމަށް ބުނާ ވާހަކަތައް ވެސް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ވަނީ ދޮގުކޮށްފަ އެވެ. އަދި ބޯހިމެނުމުގެ މަސައްކަތުގައި އަތޮޅު ތެރޭގައި ކުރަންޖެހޭ ކަންކަމުގެ 99 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށްވެސް އެ އިދާރާ އިން ބުނެ އެވެ.

ބޯހިމެނުމުގެ މަސައްކަތުގައި ތަންތަނަށް ގޮސްގެން މައުލޫމާތު އެއްކުރުމުގެ މަސައްކަތަށް 4،300 އެނިއުމަރޭޓާސް ހޯދާފައިވާއިރު މީގެތެރެއިން އަތޮޅުތަކުގައި 1،991 މީހުން އަދި މާލެ ސަރަހައްދުގައި 2،409 މީހުން ހަރަކާތްތެރިވެ އެވެ.

ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށެވެ.

ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސްހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ.

ރާއްޖޭގައި ރަސްމީ ސިފައެއްގައި އެންމެ ފުރަތަމަ ފުރަތަމަ ބޯހިމަނާފައިވަނީ 1911 ވަނަ އަހަރު އެވެ. ރާއްޖޭގައި އެންމެ ފަހުން ބޯހިމެނީ 2014 ވަނަ އަހަރު އެވެ. އެ އަހަރުގެ ނަތީޖާ ދައްކާ ގޮތުގައި އޭރު ރާއްޖޭގައި ދިރިއުޅޭ މީހުންގެ އާބާދީ އަކީ 420،071 މީހުންނެވެ.