ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް މިދިޔަ ޖެނުއަރީ މަހު މައްޗަށް ގޮސްފި އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު ފާއިތުވި މަހު އަގުތައް ވަނީ 5.33 ޕަސެންޓް އުފުލިފަ އެވެ.
މުދަލާއި ހިދުމަތުގެ އަގުތައް ޑިސެމްބަރު 2024 އާ އަޅާބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ވަނީ 0.33 ޕަސެންޓް މަތިވެފަ އެވެ.
ކަނޑުމަހުގެ އަގަށް އައި ބަދަލު ނުހިމަނައި އިންފްލޭޝަން ހުރީ 0.08 ޕަސެންޓްގަ އެވެ. އެގޮތުން ޖެނުއަރީ މަހު އަގުތައް އެންމެ ބޮޑަށް އުފުލުނީ ކަނޑުމަހުންނެވެ.
އަގުތައް ބޮޑުވި މުދަލާއި ހިދުމަތްތައް
- ކަނޑުމަސް - 5.19 ޕަސެންޓް
- ރެސްޓޯރަންޓް ކެފޭ ހިދުމަތް - 3 ޕަސެންޓް
- މޭވާ - 4.36 ޕަސެންޓް
- ތަރުކާރީ - 2.33 ޕަސެންޓް
- ކިރު، އެހެނިހެން ޑެއިރީ އުފެއްދުން އަދި ބިސް - 0.83 ޕަސެންޓް
- އަންނައުނު - 0.86 ޕަސެންޓް
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކުރި ގޮތުގައި މޯބައިލްގެ ފޯނުގެ އަގުތައް 7.72 ޕަސެންޓް އަދި ކަރަންޓުގެ އަގު ވަނީ 1.74 ޕަސެންޓް މިދިޔަ މަހު ދަށަށް ގޮސްފަ އެވެ.
ސައިކަލުގެ އަގުތައް 1.62 ޕަސެންޓް އަދި ފަރުނީޗަރުގެ އަގުތައް 5.48 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށް ސީޕީއައި ރިޕޯޓުން ދައްކަ އެވެ.