އިންފްލޭޝަން

ނޮވެމްބަރު މަހު އިންފްލޭޝަން މައްޗަށް

ރާއްޖޭގެ ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގުތައް މިއަހަރުގެ ނޮވެމްބަރު މަހު މައްޗަށް ގޮސްފި އެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމު ކުރި މުދަލާއި ހިދުމަތުގެ އަގު ދައްކުވައިދޭ މިންގަނޑު، ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މި އަހަރުގެ ނޮވެމްބަރު އަގުތައް ވަނީ 4.05 ޕަސެންޓް އުފުލިފަ އެވެ.

މުދަލާއި ހިދުމަތުގެ އަގުތައް މި އަހަރުގެ އޮކްޓޫބަރު މަހާއި އަޅާބަލާއިރު ފާއިތުވި ނޮވެމްބަރު މަހު ވަނީ 2.47 ޕަސެންޓް ބޮޑުވެފަ އެވެ. ކަނޑުމަހުގެ އަގަށް އައި ބަދަލު ނުހިމަނައި މި އަދަދު ހުރީ 2.62 ޕަސެންޓްގަ އެވެ.

އަގުތައް އެންމެ ބޮޑަށް އުފުލުނީ ސިނގިރޭޓުންނެވެ.

އަގުތައް ބޮޑުވި މުދަލާއި ހިދުމަތްތައް

  • ސިނގިރޭޓް - 98.12 ޕަސެންޓް
  • ރެސްޓޯރަންޓް ކެފޭ ހިދުމަތް - 15.81 ޕަސެންޓް
  • ކަނޑުދަތުރުފަތުރު - 5.13 ޕަސެންޓް
  • ކަރަންޓް - 0.80 ޕަސެންޓް
  • ބޫޓާއި ފައިވާން - 2.66 ޕަސެންޓް
  • މޭވާ - 0.64 ޕަސެންޓް
  • އަންނައުނު - 0.94 ޕަސެންޓް

ފާއިތުވި ނޮވެމްބަރު މަހު އަގުތައް ދަށަށް ދިޔަ މުދަލާއި ހިދުމަތްތަކުގެ ތެރޭގައި މޯބައިލް މުވާސަލަތީ ހިދުމަތް ހިމެނެ އެވެ.

މޯބައިލް މުވާސަލާތީ ހިދުމަތްތަކުގެ އަގުތައް 2.76 ޕަސެންޓް ދަށަށް ދިޔައިރު ތަރުކާރީގެ އަގުތައް 1.94 ޕަސެންޓް އަދި ސައިކަލުގެ އަގުތައް 1.30 ޕަސެންޓް ދަށަށް ދިޔަ އެވެ.

މީގެ އިތުރުން ކަނޑުމަހުގެ އަގުތައް 0.36 ޕަސެންޓް ދަށަށް ދިޔަ ކަމަށް އެންބީއެސް އިން އާންމު ކުރި ސީޕީއައި ރިޕޯޓުން ދައްކަ އެވެ.