ރާއްޖޭގެ ބާޒާރުގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް -- އިންފްލޭޝަން ރޭޓް މިއަހަރުގެ މޭ މަހު މައްޗަށް ހިނގައްޖެ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކޮށްފައިވާ މޭ މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް ދައްކާ ގޮތުން މި އަހަރުގެ އެޕްރީލް މަހާ އަޅާބަލާއިރު މޭ މަހު ހިދުމަތާއި ތަކެތީގެ އަގުތައް ވަނީ 1.51 ޕަސެންޓް އުފުލިފަ އެވެ.
ހިދުމަތާއި ތަކެތީގެ އަގު މިދިޔަ އަހަރުގެ މޭ މަހާ އަޅާބަލާއިރު ފާއިތުވި މޭ މަހު ވަނީ 0.77 ޕަސެންޓް އުފުލިފަ އެވެ.
ކަނޑުމަހުގެ އަގުތަކަށް އައި ބަދަލު ނުހިނަމައި ބަލާނަމަ އިންފްލޭޝަން ރޭޓް ފާއިތުވި މޭ މަހު ހުރީ 1.69 ޕަސެންޓްގަ އެވެ.
އަގު މަތިވި ބައިތައް
- ކަރަންޓު - 37.44 ޕަސެންޓް
- ސަޕްލައި ފެން - 45.70 ޕަސެންޓް
- އެއްގަމު މަސް - 0.54 ޕަސެންޓް
އަގުތައް ދަށަށް ދިޔަ ބައިތަކުގެ ތެރޭގައި މޭވާ އާއި ތަރުކާރީގެ އިތުރުން ކަނޑުމަސް ހިމެނެ އެވެ.
މޭވާގެ އަގުތައް 4.17 ޕަސެންޓް ދަށަށް ދިޔައިރު ކަނޑުމަހުގެ އަގުތައް 1.91 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ.
މީގެ އިތުރުން ވައިގެ ދަތުރުފަތުރުގެ އަގުތައް ފާއިތުވި މޭ މަހު 2.71 ޕަސެންޓް ދަށަށް ދިޔައިރު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް ބޭނުންކުރާ ތެލާއި ލުބްރިކަންޓްސްގެ އަގުތައް 4.33 ޕަސެންޓް އަދި ތަރުކާރީގެ އަގުތައް 0.84 ޕަސެންޓް ދަށަށް ދިޔަ އެވެ.