ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުތައް -- އިންފްލޭޝަން ރޭޓް މިއަހަރުގެ މާޗް މަހު ދަށަށް ހިނގައްޖެ އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ މިއަހަރުގެ މާޗް މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މި އަހަރުގެ ފެބްރުއަރީ މަހާ އަޅާބަލާއިރު މާޗް މަހު އަގުތައް ވަނީ 0.89 ޕަސަންޓް ދަށަށް ގޮސްފަ އެވެ. އަދި މިދިޔަ އަހަރުގެ މާޗް މަހާ އަޅާބަލާއިރު އަގުތައް ވަނީ 0.16 ޕަސަންޓް ދަށަށް ގޮސްފަ އެވެ.
ކަނޑުމަސް ނުހިމަނައި މާޗް މަހު އަގުތައް ވަނީ 1.09 ޕަސަންޓް ދަށަށް ގޮސްފަ އެވެ.
އަގު ދަށަށް ދިޔަ ބާވަތްތަކާއި ހިދުމަތްތައް
- ކަރަންޓް: 21.86 ޕަސަންޓް
- ސަޕްލައި ފެން: 9.90 ޕަސަންޓް
- މޯބައިލް މުވާސަލާތީ ހިދުމަތް: 0.35 ޕަސަންޓް
އަގުތައް އުފުލުނު ބާވަތްތަކުގެ ތެރޭގައި މޭވާ އާއި ތަރުކާރީ އަދި ވައިގެ ދަތުރުފަތުރު ހިމެނެ އެވެ.
މޭވާގެ އަގުތައް މާޗް މަހު 4.56 ޕަސަންޓް އުފުލުނުއިރު ވައިގެ ދަތުރުފަތުރުގެ އަގުތައް 0.53 ޕަސަންޓް އުފުލުނެވެ.
ހަކުރު، ޖޭމު، މާމުއި، ޗޮކްލެޓްގެ އަގު 0.68 ޕަސަންޓް އުފުލުނުއިރު ތަރުކާރީގެ އަގުތައް 0.25 ޕަސަންޓް އަދި އެއްގަމު މަހުގެ އަގު 0.62 ޕަސަންޓް އުފުލުނެވެ.