އިންފްލޭޝަން

ޖޫން މަހުގެ އިންފްލޭޝަން ރޭޓް މައްޗަށް

ރާއްޖޭގެ ބާޒާރުގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް -- އިންފްލޭޝަން ރޭޓް މިއަހަރުގެ ޖޫން މަހު މައްޗަށް ހިނގައްޖެ އެވެ.

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު މިއަހަރުގެ ޖޫން މަހު އަގުތައް ވަނީ 1.40 ޕަސެންޓް އުފުލިފަ އެވެ.

މީގެ އިތުރުން މި އަހަރުގެ މޭ މަހާ އަޅާބަލާއިރު ފާއިތުވި ޖޫން މަހު އަގުތައް ވަނީ 0.73 ޕަސެންޓް އިތުރުވެފަ އެވެ.

ކަނޑުމަހުގެ އަގަށް އައި ބަދަލު ނުހިމަނައި މި އަދަދު ހުރީ 0.74 ޕަސެންޓްގަ އެވެ.

އިންފްލޭޝަން މަތިވި ތަކެއްޗާއި ހިދުމަތްތައް

  • ކަރަންޓް: 8.30 ޕަސެންޓް
  • ކަނޑުމަސް: 0.60 ޕަސެންޓް
  • ފަރުނީޗަރު: 5.70 ޕަސެންޓް
  • ތަރުކާރީ: 4.32 ޕަސެންޓް
  • ވައިގެ ދަތުރުފަތުރު: 2.93 ޕަސެންޓް
  • ކިރާއި، ބިސް އަދި ޑެއިރީ އުފެއްދުންތައް: 1.58 ޕަސެންޓް
  • ހަކުރު، ޖޭމް، މާމުއި، ޗޮކްލެޓް: 0.97 ޕަސެންޓް
  • އެކޮމޮޑޭޝަން ހިދުމަތްތައް: 3.25 ޕަސެންޓް

އަގުތައް ދަށަށް ދިޔަ ތަކެއްޗާއި ހިދުމަތްތަކުގެ ތެރޭގައި މޭވާ އާއި މޯބައިލް މުވާސަލާތީ ހިދުމަތް ހިމެނެ އެވެ.

އެގޮތުން މޭވާގެ އަގުތައް 0.80 ޕަސެންޓް ދަށަށް ދިޔައިރު މޯބައިލް މުވާސަލާތީ ހިދުމަތުގެ އަގު 1.49 ޕަސެންޓް ދަށް ގޮސްފައިވެ އެވެ.

ސައިކަލުގެ އަގުތައް 0.77 ޕަސެންޓް ދަށަށް ދިޔައިރު ރިކްރިއޭޝަނަލް އަދި ކުޅިވަރު ހިދުމަތްތަކުގެ އަގުތައް 1.21 ޕަސެންޓް ހެޔޮވި އެވެ.