ރާއްޖޭގެ ބާޒާރުގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް -- އިންފްލޭޝަން ރޭޓް މިއަހަރުގެ ސެޕްޓެމްބަރު މަހު މައްޗަށް ހިނގައްޖެ އެވެ.
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާންމުކުރި މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން މުދަލާއި ހިދުމަތުގެ އަގުތައް 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ އަޅާބަލާއިރު މި އަހަރުގެ ސެޕްޓެމްބަރު މަހު ވަނީ 1.14 ޕަސެންޓް އުފުލިފަ އެވެ.
އިންފްލޭޝަން ރޭޓް މި އަހަރުގެ އޮގަސްޓް މަހާ އަޅާބަލާއިރު ސެޕްޓެމްބަރު މަހު 0.16 ޕަސެންޓް މަތިވި އެވެ.
އަގުތައް އުފުލުނު މުދަލާއި ހިދުމަތްތައް
- ތަރުކާރީ: 3.95 ޕަސެންޓް
- ކަރަންޓު: 1.70 ޕަސެންޓް
- އެހެނިހެން އައުޓްޕޭޝަންޓް ކެއާ ހިދުމަތް: 1.24 ޕަސެންޓް
- ކިރާއި އެހެނިހެން ޑެއިރީ އުފެއްދުން އަދި ބިސް: 0.83 ޕަސެންޓް
- ވައިގެ ދަތުރުފަތުރުތައް: 0.82 ޕަސެންޓް
- އެއްގަމު މަސް: 0.82 ޕަސެންޓް
ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ހާމަކުރި ގޮތުގައި ސެޕްޓެމްބަރު މަހު ކަނޑުމަހާއި މޯބައިލް މުވާސަލާތީ ހިދުމަތްތަކުގެ އަގު ހެޔޮވި އެވެ.
އެ ގޮތުން ކަނޑުމަހުގެ އަގުތައް މި އަހަރުގެ ސެޕްޓެމްބަރު މަހު 2.69 ޕަސެންޓް ހެޔޮވިއިރު މޯބައިލް މުވާސަލާތީ ހިދުމަތްތަކުގެ އަގު 0.38 ޕަސެންޓް ހެޔޮވި އެވެ.
މީގެ އިތުރުން އަންނައުނުގެ އަގުތައް ވަނީ 0.29 ޕަސެންޓް ހެޔޮވެފަ އެވެ.