ސަބްސިޑީ ނިޒާމަށް އަންނަ އަހަރުން ފެށިގެން ގެނައުމަށް ރާވައިފައިވާ ބަދަލުތަކާއެކު އަންނަ އަހަރު ރާއްޖޭގެ ބާޒާރުގައި އިންފްލޭޝަން ރޭޓް ހުންނާނީ 3.9 ޕަސެންޓްގައި ކަމަށް ލަފާކޮށްފި އެވެ.
"ދައުލަތުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓް 2025" ގައިވާ ގޮތުން މި ސިޔާސަތުތައް ތަންފީޒުނުކުރާނަމަ އިންފްލޭޝަން ރޭޓް ހުންނާނެ ކަމަށް ބެލެވެނީ 0.8 ޕަސެންޓްގަ އެވެ.
ސަބްސިޑީގެ ނިޒާމަށް ގެނައުމަށް ރާވައިފައިވާ އިސްލާހުތައް އަންނަ އަހަރުގެ ދެވަނަ ކުއާޓަރުގައި ތަންފީޒުކުރުމަށް ވަނީ ރާވައިފަ އެވެ. މިއާއެކު 2025 ވަނަ އަހަރުގެ ފަހު ތިން ކުއާޓަރުގައި މި އިސްލާހުގެ އަސަރު ފެނިގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
މި އިސްލާހުތައް ތަންފީޒުކުރެވޭ ވަގުތު ނުވަތަ ގޮތް ބަދަލުވެއްޖެނަމަ އިންފްލޭޝަން ރޭޓް މި އަންދާޒާއަށްވުރެ ދަށްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބަޖެޓް ޕޮޒިޝަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި މި ސިޔާސަތުތައް ތަންފީޒުކުރާ ގޮތް ބަދަލުވެއްޖެނަމަ ނުވަތަ ތަންފީޒު ނުވެއްޖެނަމަ އަންނަ އަހަރުގެ އިންފްލޭޝަން ރޭޓް ހުންނާނީ މި އަހަރާ ދާދި އެއް މިންވަރެއްގައި ކަމަށް ލަފާކޮށްފައިވެ އެވެ.
ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގުތައް އެވަރެޖްކޮށް ބަދަލުވަމުންދާ ނިސްބަތަށް އަސަރުކުރާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާއި ސަރުކާރުގެ ސިޔާސަތުތަކަށް އަންނަ ބަދަލުތައް ހިމެނެ އެވެ.