ރާއްޖޭގެ ބާޒާރުގައި ތަކެއްޗާއި ހިދުމަތުގެ އަގުތައް -- އިންފްލޭޝަން ރޭޓް މިއަހަރުގެ ޖުލައި މަހު މައްޗަށް ހިނގައްޖެ އެވެ.
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އާންމުކުރި ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ރިޕޯޓް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މި އަހަރުގެ ޖުލައި މަހު އަގުތައް 1.43 ޕަސެންޓް އިތުރުވި އެވެ.
މީގެ އިތުރުން މި އަހަރުގެ ޖޫން މަހާއި އަޅާބަލާއިރު ފާއިތުވި ޖުލައި މަހު އަގުތައް ވަނީ 0.10 ޕަސެންޓް އުފުލިފަ އެވެ.
ކަނޑުމަހުގެ އަގަށް އައި ބަދަލު ނުހިމަނައި މި އަދަދު ހުރީ 0.30 ޕަސެންޓްގަ އެވެ.
އިންފްލޭޝަން މަތިވި ތަކެއްޗާއި ހިދުމަތްތައް
- ކަނޑުމަސް: 2.06 ޕަސެންޓް
- ތަރުކާރީ: 2.11 ޕަސެންޓް
- ކިރާއި، ބިސް އަދި ޑެއިރީ އުފެއްދުންތައް: 0.82 ޕަސެންޓް
- ވައިގެ ދަތުރުފަތުރުތައް: 0.28 ޕަސެންޓް
އަގުތައް ދަށަށް ދިޔަ ތަކެއްޗާއި ހިދުމަތްތަކުގެ ތެރޭގައި މޯބައިލް މުވާސަލާތީ ހިދުމަތާއި މޭވާ ހިމެނެ އެވެ.
މޯބައިލް މުވާސަލާތީ ހިދުމަތުގެ އަގު 2.10 ޕަސެންޓް ދަށް ދިޔައިރު މޭވާގެ އަގުތައް 0.86 ޕަސެންޓް ދަށަށް ދިޔަ އެވެ.
ސީޕީއައި ރިޕޯޓް ދައްކާ ގޮތުން ޖުލައި މަހު ކަރަންޓް 0.23 ޕަސެންޓް އަދި ސަޕްލައި ފެން 0.57 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.
ފާއިތުވި ޖޫން މަހާއި މޭ މަހަކީ އިންފްލޭޝަން ރޭޓް މަތިވި ދެ މަހެވެ.