އިންފްލޭޝަން

އޭޕްރީލް މަހަށްވުރެ މޭ މަހު އަގުތައް ދަށަށް

ރާއްޖޭގެ ބާޒާރުގައި އަގުތައް މިއަހަރުގެ އެޕްރީލް މަހާއި އަޅައިބަލާއިރު މޭ މަހު 0.40 ޕަސަންޓް ދަށަށް ހިނގައްޖެ އެވެ.

ގައުމީ ތަފާސްހިސާބު ބަލަހައްޓާ ވުޒާރާ -- މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ މޭ މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ދައްކާ ގޮތުން އޭޕްރިލް މަހާއި އަޅައިބަލާއިރު މޭ މަހުގައި ބާޒާރުތަކުގެ އަގުތަށް ވަނީ 0.40 ޕަސަންޓް ދަށަށް ގޮސްފަ އެވެ.

ކަރަންޓާއި ތެލާއި މޭވާ އާއި ތަރުކާރީގެ އިތުރުން މޯބައިލް ކޮމިއުނިކޭޝަން ސާވިސްގެ އަގު ވަނީ މޭ މަހު ދަށަށް ގޮސްފަ އެވެ.

ކަރަންޓުގެ އަގު 3.39 ޕަސަންޓް ދަށަށް ގޮސްފައިވާއިރު ތެލުގެ އަގު 4.76 ޕަސަންޓް ވަނީ ދަށަށް ގޮސްފަ އެވެ. މޭވާގެ އަގުތައް 4.05 ޕަސަންޓް ދަށަށް ދިޔައިރު ތަރުކާރީގެ ބާވަތްތަކުގެ އަގު 2.01 ޕަސަންޓް އަދި މޯބައިލް ކޮމިއުނިކޭޝަން ސާވިސްގެ އަގު ވަނީ 3.54 ޕަސަންޓް ދަށަށް ގޮސްފަ އެވެ.

މޭ މަހު އަގުތައް އުފުލިފައިވާ ބާވަތްތަކުގެ ތެރޭގައި މަހުގެ ބާވަތްތައް ހިމެނެ އެވެ.

މަހުގެ އަގު 0.91 ޕަސަންޓް އުފުލުނުއިރު ވައިގެ ދަތުރުފަތުރުގެ އަގުތައް 0.91 ޕަސަންޓް ވަނީ އުފުލިފަ އެވެ. މީގެ އިތުރުން ގޭގައި ބޭނުންކުރާ ތަކެތީގެ އަގުން 2.65 ޕަސަންޓް އަދި ކިރާއި ބިހުގެ އަގު 0.29 ޕަސަންޓް މޭ މަހު އުފުލުނެވެ.