ބޯހިމެނުން

އެލަވަންސް ދޭނެ އެކަމަކު، ބޯހިމަނަން މީހުން ނުލިބޭ

May 17, 2022
3

މި އަހަރު ގައުމީ ފެންވަރުގައި ބާއްވާ ބޯހިމެނުމުގައި ހަރަކާތްތެރިވާނެ މީހުން ނުލިބުމު މައްސަލަ ކުރިމަތިވެފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއޯއެސް) އިން ބުނެފި އެވެ.

ގައުމީ ތަރައްގީ އަށް ބޭނުންވާ މުހިންމު ގިނަ ހިސާބު ތަކެއް ދެނެ ގަތުމަށްޓަކައި ބާއްވާ ބޯހިމެނުމުގައި ހަރަކާތްތެރިވާނެ 4,400 އިނިއުމިނޭޓަރުން ހޯދަން ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް ގިނަ އަދަދެއްގެ އިނުއުމިނޭޓަރުން ނުލިބޭ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ.

ބޯހިމެނުމުގައި ހަރަކާތްތެރިވާނެ ފަރާތްތައް ހޯދަން އިއުލާނު ކުރުމާއެކު މިހާތަނަށް ލިބިފައިވަނީ 2،005 އެޕްލިކޭޝަން އެވެ. ނަމަވެސް މާލޭގައި ބާއްވާ ބޯހިމެނުމުގެ މަސައްކަތްތަކަށް 2,409 މީހުން ބޭނުންވެ އެވެ. ނަމަވެސް މާލެއިން ލިބިފައިވަނީ 583 އެޕްލިކޭޝަން އެވެ. އަދި ރަށްރަށުގައި ހަރަކާތްތެރިވަން 1,991 މީހުން ބޭނުންވާއިރު މިހާތަނަށް ލިބިފައިވަނީ 1,422 ހުށަހެޅުމެވެ. ނަމަވެސް އިތުރަށް 269 މީހުން ބޭނުންވެ އެވެ.

ސްޓެޓިކްސް މޯލްޑިވްސް އިން ބުނީ މާލެއިން އެކަނި 1,826 މީހުން ބޯހިމެނުމުގައި ހަރަކާތްތެރިވާނެ މީހުން ބޭނުންވާ ކަމަށެވެ. އަދި މާލެއިން މިކަމަށް ލިބޭ ޝައުގުވެރިކަން ދަށް ކަމަށް ވެސް އެ އޮތޯރިޓީން ބުނެފައިވެ އެވެ.

ބޯހިމެނުގައި ހަރަކާތްތެރިވާނެ ފަރާތްތަކަށް އެލަވަންސް ވެސް ލިބޭނެ އެވެ. މިކަމުގައި ހަރަކާތްތެރިވާނެ މީހުން ނެގުމަށްފަހު އެކަމަށް ހާއްސަ ތަމްރީން ތަކެއް ވެސް ދޭނެ އެވެ. އަދި ބޯހިމެނުމުގައި ހަތް ދުވަހާއި 11 ދުވަހު މިކަމުގައި ހަރަކާތްތެރިވާއިރު ޓްރެއިން އެލަވަންސް އާއި ފީލްޑް އެލަވަންސް އެއް ދޭނެ އެވެ. މިގޮތުން ދުވާލަކު 500ރ. ވަރުގެ އެލަވަންސް އެއް ދޭނެ އެވެ. ބޯހިމެނުން ކުރި އަށް ދާނީ ސެޕްޓެމްބަރު 17 އިން 30 ގެ ނިޔަލަށެވެ.