ދިވެހި އުފެއްދުންތަކަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ކޮމިއުނިޓީ އޮންލައިން ފިހާރައެއް އިފްތިތާހުކޮށްފި އެވެ.
ކުޅުދުއްފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ފިހާރަ އިފްތިތާހުކޮށް ހުޅުއްވައިދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު އާމިނަތު ޝައުނާ އެވެ.
މި ފިހާރަ އަކީ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްކުމަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން މޯލްޑިވްސް ޕޯސްޓުގެ އީޓުކުރި ފްލެޓްފޯމުގައި ގާއިމުކޮށްފައިވާ ވާޗުއަލް ފިހާރަ އެކެވެ.
މޯލްޑިވްސް ޕޯސްޓުން ބުނީ މިފަދަ ފިހާރައެއް ހުޅުވުމުގެ މަގުސަދަކީ ދިވެހި އުފެއްދުންތެރިންނަށް އީޓުކުރި ޕްލެޓްފޯމުގެ ތެރެއިން އޮންލައިން ބާޒާރެއް ހޯދައިދީ، އުފެއްދުންތައް މާކެޓުކޮށް އިޝްތިހާރު ކޮށްދިނުން ކަމަށެވެ. އަދި ޕޯސްޓުގެ ނޭޝަންވައިޑް ޑެލިވަރީ ނިޒާމުގެ ތެރެއިން އެފަދަ އުފެއްދުންތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގެންގޮސް ދިނުމަކީ ވެސް ބޭނުމެއް ކަމަށެވެ.
ކޮވިޑް 19ގައި ލިބިފައިވާ އިގްތިސޯދީ ގެއްލުންތަކުން އަރައިގަތުމަށް އޮންލައިން މިފަދަ ފިހާރަ އަކުން އެހީތެރިކަން ފޯރުކޮށްދިނުމަކީ މަގުސަދެއް ކަމަށްވެސް ޕޯސްޓް އޮފީހުން ބުނެފައިވެ އެވެ.
ކުޅުއްފުށީގައި މިއަދު ތައާރަފްކުރި ކޮމިއުނިޓީ އޮންލައިން ފިހާރައިގެ ހިދުމަތް ހުރިހާ އަތޮޅު ޕޯސްޓް އޮފީސްތަކެއްގައި އެއްފަހަރާ ވަނީ ފަށާފަ އެވެ.