އެސްޓީއޯ

އެސްޓީއޯގެ ފުށް ފެކްޓަރީ ކުޅުދުއްފުށީގައި ހަދަނީ

Mar 4, 2022

އެސްޓީއޯ އިން ރާއްޖޭގައި ހެދުމަށް ނިންމާފައިވާ ފުށް އުފައްދާ ބަންދުކުރާ ފެކްޓަރީ ހދ. ކުޅުދުއްފުށީގައި ހެދުމަށް ނިންމައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ދައުލަތުގެ މީޑިއާގައި ވިދާޅުވީ ކުޅުދުއްފުށި ސިޓީ ކައުންސިލުން ބިން ހަމަޖެއްސުމާ އެކު އެ ރަށުގައި އެ މަސައްކަތް ފަށާނެ ކަމަށެވެ.

އަމްރު ވިދާޅުވީ ކުޅުދުއްފުށީގައި ފުށް ފެކްޓަރީ ހެދުމަށް ނިންމީ އެރަށަކީ އުތުރުގެ އިގްތިސޯދީ މައި ރަށަށް ވެފައި އެފަދަ މަސައްކަތަކަށް އެންމެ ރަނގަޅު ރަށަށް ވުމުން ކަމަށެވެ.

"އެކަމުގެ ސަބަބުން ކުޅުދުއްފުއްޓަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ. ބައިވަރު ވަޒީފާ އުފެދޭނެ. އޭގެ އިތުރުން އެކަހަލަ ކަމެއް އަޅުގަނޑުމެން ކުރީމާ އޭގެ ސަބަބުން އިތުރު ވިޔަފާރިތަކެއް ވެސް އެބަހުޅުވިގެންދޭ،" އަމްރު ވިދާޅުވި އެެވެ.

ފުށް ފެކްޓަރީ ހެދުމުގެ ގޮތުން ހަދަންޖެހޭ ސާވޭ ނިމި، އެ މަސައްކަތަށް ބޭނުންވާ ފައިސާއާއި އަދި އެ މަސައްކަތް ކޮށްދެވޭނެ ފަރާތްތައްވެސް ހޯދާފައިވާ ކަމަށް އަމުރު ވިދާޅުވި އެވެ.

"ދެން އޮންނާނީ އަމަލީ މަސައްކަތް ފެށުން. ކުޅުދުއްފުށީ ކައުންސިލުން ވަރަށް ބާރަށް އެބަގެންދަވާ [ބިން ހަމަޖެއްސުމުގެ] މަސައްކަތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ބިން ލިބޭއިރަށް އެކަން ކުރާނެ" އަމްރު ވިދާޅުވި އެވެ.

އެސްޓީއޯ އިން ކުރިން މަސައްކަތް ކުރީ މާލެ ސަރަހައްދުގައި ފުށް ފެކްޓަރީ އެޅުމަށެވެ. އެގޮތުން މިސަރަހައްދުގެ ބައެއް ބިންތައް ވެސް އެސްޓީއޯ އިން ބަލާފައިވެ އެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީންކުރުމުގެ ގޮތުން ގޮދަށްފުށް ބަންދުކުރަން ނިންމާފައިވަނީ ރޯ ގޮދަން ރާއްޖެއިން ބޭރުން އެތެރެކޮށްގެންނެވެ. ފެކްޓަރީގައި ތަފާތު ބާވަތްތަކުގެ ފުށް އުފައްދާނެ އެވެ. އަދި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އަދި އާންމުންގެ ބޭނުންތަކަށް ބޭނުންވާ ގޮތަށް ތަފާތު ބާވަތްތަކުގެ ފުށް، ފެކްޓަރީގައި ބަންދުކުރުމަށް އެސްޓީއޯ އިން ވަނީ ނިންމާފަ އެވެ.

އެސްޓީއޯއިން ބުނީ ފުށް ފެކްޓަރީގެ މަސައްކަތް ފެށުމުން ރާއްޖެއަށް ކާޑު އެތެރެކުރަން ކުރާ ހަރަދު ލުއި ވެގެންދާނެ ކަމަށާއި ފުށް ރައްކާކޮށްފައި ބެހެއްޓޭ މުއްދަތު ވެސް އިތުރު ކުރެވޭނެ ކަމަށެވެ.