މުހައްމަދު އާތިފް

ސަރުކާރު "ސްލޯ"ވެގެން މޭޔަރު އާތިފްގެ ތާއީދު ނަޝީދަށް

ކުޅުދުއްފުށި މޭޔަރު މުހައްމަދު އާތިފް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވަން ނިންމަވާ އެކަން އިއުލާންކުރައްވައިފި އެވެ.

މޭޔަރު އާތިފް، ރައީސް ނަޝީދަށް ތާއީދުކުރައްވަން ނިންމަވާފައިވަނީ އޭނާގެ ވަރަށް އަރިސް މެންބަރެއް ކަމުގައިވާ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކުރެއްވި ތާއީދު އަނބުރާ ގެންދަވާ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ކަން ހާމަކުރެއްވިތާ ކުޑައިރުކޮޅެއް ފަހުންނެވެ. އެހެންކަމުން އާތިފްގެ ނިންމެވުމަކީ މެންބަރު ޔާސިރުގެ އެދިވަޑައިގަތުމަކަށް ނިންމެވި ނިންމެވުމެއް ކަމަށް ފާޑުކިޔާ ބައެއް މީހުން ބުނެ އެވެ.

މޭޔަރު އާތިފް ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ސަރުކާރާއި ހަތަރު އަހަރުގެ ސަރުކާރެއް ތަޖުރިބާ ކުރެއްވިއްޖެ ކަމަށާއި އެ ދެ ސަރުކާރު އަޅާކިޔާއިރު ކުޅުދުއްފުށްޓަށް އެންމެ ބޮޑު ތަރައްގީއަކާއި ހެޔޮ ބަދަލެއް ގެނެވިފައިވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ހޭދަކުރެއްވި ކުރު މުއްދަތުގައި ކަމަށްވެސް ވިދާޅުވި އެވެ. ކުޅުދުއްފުށީގެ ގިނަ ރައްޔިތުން މިއަދުވެސް ތިބީ އެފަދަ ހަލުވި ތަރައްގީއަކަށް ފެންބޮވައިގެންފައި ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އަބަދުވެސް އެންމެ މުހިއްމުވާ ކަމަކީ ރައްޔިތުންގެ މަސްލަހަތާއި ކުޅުދުއްފުށީގެ ކުރިއެރުމާއި ތަަރައްގީކަމަށްވާތީ މިއަހަރުގެ އެމްޑީޕީގެ ޕްރައިމަރީގައި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރުމަށް އަޅުގަނޑު ނިންމައިފިން. ހިނގާދަމާ ކުރިއަށް... ހިނގާދަމާ ބާރަށް،" މޭޔަރު ވިދާޅުވި އެވެ.

މޭޔަރު އާތިފް މިއަދު ރައީސް ނަޝީދަށް ތާއީދު ކުރައްވަން ކުއްލިއަކަށް ނިންމެވިއިރު ރައީސް ނަޝީދު މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު ކެމްޕޭންގައި ކުޅުދުއްފުށްޓަށް ވަޑައިގެން ކެމްޕޭން ކުރެއްވިއިރު އެއްވެސް ހަރަކާތެއްގެ ތެރެއިން އާތިފް ފެނިފައެއް ނުވެ އެވެ.

މޭޔަރު އާތިފް މިދިޔަ ދުވަސްތަކުގައި ގެންދެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރާ ވަރަށް ގާތުން މަސައްކަތް ކުރައްވާ، ރައީސް ސޯލިހަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވަމުންނެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އެންމެ ގިނަ އިން ޒިޔާރަތް ކުރެއްވި އެއް ރަށަކީ ވެސް ކުޅުދުއްފުށްޓެވެ.

ރައީސް އިބްރާހީމް ސޯލިހްގެ ވެރިކަމުގައި ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށް މިހާރު ވަނީ މަސައްކަތް ފެށުމަށް ތައްޔާރުވެފަ އެވެ. ކުޅުދުއްފުށީގެ ރީޖަނަލް ހޮސްޕިޓަލަށް ބޮޑު ބަދަލެއް ގެނެސް މުޅިން އާ އޯޕީޑީ އިމާރާތެއް ގާއިމުކޮށް ޒަމާނީ އެތައް ހިދުމަތެއް މިސަރުކާރުގައި އެ ސިޓީގެ ހޮސްޕިޓަލްގައި ވަނީ ފަށާފަ އެވެ. ކުޅުދުއްފުށީގެ ސަރަހައްދީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު ކުޅުދުއްފުށި އެއާޕޯޓްގައި ލައިޓް ހަރުކޮށް ރޭގަނޑު ދަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްވެސް މިސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

މީގެއިތުރުން އެސްޓީއޯ އިން ރާއްޖޭގައި ހަދަން ނިންމާފައިވާ ފުށް ފެކްޓަރީ އާއި ޖެންޑާ މިނިސްޓްރީން އަޅާ ދަމަނަވެށި ވެސް ކުޅުދުއްފުށީގައި އެޅުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ކުޅުދުއްފުށީގައި އިމާރާތް ކުރުމަށްފަހު 11 އަހަރު ވަންދެން އަޅާނުލާ ހުރި ރޯ ހައުސްތަކުގައި މީހުން ދިރިއުޅެވޭނެ ވަރަށް އެ ތަން ތަރައްގީކޮށް ގުރުއަތުލުން ބާއްވާ އެ ފްލެޓްތައް މީހުންނާ ހަވާލުކުރީ ވެސް މިސަރުކާރުގަ އެވެ. ކުޅުދުއްފުށީގައި ހިނގާ ކުށްތައް މަދުކުރުމަށް އަމާޒުކޮށްގެން އެ ސިޓީގައި އަވަށްޓެރި ފުލުހުންގެ ހިދުމަތް ތައާރަފް ކުރީ މިސަރުކާރުގަ އެވެ. އުތުރުގެ މައި މަރުކަޒެއްގެ ގޮތުގައި ކުޅުދުއްފުށްޓަށް ހާއްސަ އިސްކަމެއް ދީގެން މިސަރުކާރުގައި ގައުމީ ފެރީ ނިޒާމު (އާރްޓީއެލް)ގެ ހިދުމަތް ވެސް އެންމެ ފުރަތަމަ ފެށީ ކުޅުދުއްފުށި ހިމެނޭ ހދ. އަތޮޅުގަ އެވެ.

ކުޅުދުއްފުށި އެއާޕޯޓަށް ރަސްމީ ދަތުރުތައް ފަށައިދީ، އެއާޕޯޓާ ދިމާލުން ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ވެސް ރައީސް ސޯލިހްގެ ސަރުކާރުގަ އެވެ. ދިވެހި އުފެއްދުންތަކަށް އަމާޒުކޮށްގެން މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން ކޮމިއުނިޓީ އޮންލައިން ފިހާރައެއް މިސަރުކާރުގައި ކުޅުދުއްފުށީގައި ފަށާފައިވާއިރު ކުޅުދުއްފުށީގައި އޮޑިޓް އޮފީހުގެ ސަރަހައްދީ އޮފީހެއް ވެސް ހުޅުވީ މިސަރުކާރުގަ އެވެ. ސަރުކާރުގެ ބަޖެޓުން 137 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުޅުދުއްފުށީގެ އާންމު ބަނދަރު ތަރައްގީ ކުރީވެސް މިވެރިކަމުގަ އެވެ. ކުޅުދުއްފުށީގައި ސްޓޭޓް ހައުސަކާއި ލޯކަލް މާރުކޭޓެއް ހުޅުވީ ވެސް މިސަރުކާރުގަ އެެވެ.

ކުޅުދުއްފުށި ރައްޔިތުންގެ އެންމެ ބޮޑު އުއްމީދު ކަމަށްވާ ސިޓީއެއްގެ ދަރަޖަ އެ ރަށަށް ފުރަތަމަ ފަހަރަށް އެރަށަށް ހޯއްދަވައިދެއްވާ ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރަކަށް ވެވަޑައިގަތުމުގެ ޝަރަފް އާތިފަށް ލިބިވަޑައިގަތީވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް އެ ފުރުސަތު ހޯއްދަވައިދެއްވުމާ ގުޅިގެންނެވެ.