އެއްވެސް ކަމެއްގައި އަމިއްލަ މަންފާއަށް އެއްވެސް ޑީލެއް އެއްވެސް ބަޔަކާ އެކުގައި ހަދާފައި ނުވާނެ ކަމަށް ކުޅުދުއްފުށީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
އާތިފް މިހެން ވިދާޅުވެފައި މިވަނީ އޭނާ އެމްޑީޕީގައި ހުންނެވުމަށްފަހު ދަ ޑިމޮކްރެޓްސްއަށް ގުޅިވަޑައިގެންތާ ދޮޅުމަސް ފަހުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތުމާ ގުޅިގެން އަމާޒުވަމުންދާ ފާޑު ކިޔުންތަކަށް ރައްދުދެއްވަމުންނެވެ.
ކުޅުދުއްފުށީގައި އޮތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކެމްޕޭން ޖަލްސާއެއް ވާހަކަދައްކަވަމުން އާތިފް ވިދާޅުވީ އޭނާ އަލުން އެމްޑީޕީއާ ގުޅުމުން ފާޑުކިޔުން އަމާޒުވި ނަމަވެސް އެމްޑީޕީއާ އަލުން ގުޅުމަށްޓަކައި އަމިއްލަ ފައިދާއަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
"ރައީސްއާ އެކު ޑީލްއެއް ހެދިން. އެއީ ކުޅުދުއްފުށީ ރައްޔިތުންގެ ނަމުގަ ހެދި ޑީލްއެއް،" އާތިފް ވިދާޅުވި އެވެ.
އާތިފް ވިދާޅުވި ގޮތުގައި އަލުން އެމްޑީޕީއާ ގުޅުމަށް ހެދި "ޑީލް" އެއްބިލިއަނަށް ވުރެ މަތިވާނެ ކަމަށާއި މި ޑީލްގެ ހުރިހާ ފައިދާއެއް ކުޅުދުއްފުށި ރައްޔިތުންނަށް ފެނި ކުޅުދުއްފުށީގެ ތަރައްގީއަށް ލިބޭ މިންވަރު އިތުުރުވެގެންދާނެ އެވެ.
ކުޅުދުށްފުށްޓަށް ދިމާވެފައިވާ ކުނީގެ މައްސަލައިގައި އާތިފް ވިދާޅުވީ އެ މައްސަލައަކީ ކުޅުދުއްފުށި ރައްޔިތުން ޒަމާންތަކެއް ވަންދެން އުފުލަމުން ދިޔަ ތަކްލީފެއް ކަމަށެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން އެ މައްސަލަ ހައްލުކޮށްދިނުމާ ހަމައަށް އެއްވެސް ސަރުކާރަކުން އެ މައްސަލަ ހައްލުކޮށްދިނުމަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
"އެތައް ކުދިންނެއް ކިޔަވަމުންދާ ސުކޫލެއް ކުނިގޮނޑާ ކައިރީގައި [އެބަހުރި]. ކަސްރަތުކުރާ މީހުން ދުމުގެ ތެރޭގައި ކަސްރަތު ކުރަނީ. [ކުނިގޮނޑާ] ޖެހިގެން އޮތީ އާޓިފިޝަލް ބީޗް. މިކަމަށްވެސް ހައްލެއް ލިބި މިހާރު ވަނީ ވެމްކޯއާ ކުނިމެނޭޖް ކުރުމަށް ހަވާލުކުރެވިފައި،" އާތިފް ވިދާޅުވި އެވެ.
އާތިފްގެ ވާހަކަފުޅުގައި ވަނީ އޭނާ އަލުން އެމްޑީޕީއާ ގުޅުމަށްޓަކައި ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރާ އެކު ކުރެވުނު މަޝްވަރާތަކުން ނިކުމެފައިވާ ނަތީޖާއާ ގުޅޭގޮތުންވެސް ވާހަކަދައްކަވާފަ އެވެ. އެގޮތުން ރައީސް ސޯލިހަށް ރިޔާސީ ދެވަނަ ދައުރެއް ލިބިވަޑައިގެންފިނަމަ ކުޅުދުއްފުށީގައި 1،000 ހައުސިން ޔުނިޓް އަޅައިދިނުމަށް ރައީސް ވައުދުވެވަޑައިގެންނެވި ކަމުގައިވެސް ވިދާޅުވި އެވެ. އަދި ރިޔާސީ އިންތިހާބުގެ ކުރިން ހައުސިން ޔުނިޓްތައް އެޅުމަށް ބަޔަކާ ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަންވެސް ސަރުކާރުން ދީފައިވާ ކަމަށްވެސް އާތިފް ވިދާޅުވި އެވެ.
"އެެހެންވީމާ މިޑީލަށް އަޅުގަނޑު ނުދިޔަނަމަ އެއީ ކުޅުދުއްފުށި ރައްޔިތުންނަށް އަޅުގަނޑު ބޭވަފާތެރިވުން،" އާތިފް ވިދާޅުވި އެވެ.
ރައީސް ސޯލިހް ސަރުކާރުގައި މިހާރު ވެސް ވަނީ ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފަ އެެވެ. އެގޮތުން މިދިޔަ އަހަރުގެ ޖުލައި ހަތްވަނަ ދުވަހު މިމަސައްކަތް ހަވާލުކޮށްފައިވަނީ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗާ ކުންފުންޏެއް ކަމަށްވާ ޓްވެންޓީ ތާޑް މެޓާލާޖިކަލް ކޮންސްޓްރަކްޝަން ގުރޫޕް ކޯ ލިމިޓެޑަށެވެ.
އާތިފް އިތުރަށް ވިދާޅުވީ ކުޅުދުއްފުށީގެ ނަރުދަމާ ނިޒާމުގެ ތެރެއިން ގޭގެއަށް ގުޅާފައިވާ ހޮޅިއަށް މިހާރު ރައްޔިތުންގެ އަތުން ކޮންމެ މަހަކު ނަގަމުންދާ 30 ރުފިޔާ ނުނަގާ ގޮތަށް އުސޫލުތައް ހަމަޖައްސައިދެއްވާނެ ކަމަށްވެސް ރައީސް ވިދާޅުވި ކަަމަށެެވެ. އެހެންކަމުން ކުޅުދުއްފުށީގެ ބުއްދި ސަލާމަތުން ހުރި އެކަކުވެސް އެމްޑީޕީ ފިޔަވާ އެހެން ޕާޓީއަކަށް ވޯޓް ނުދޭނެ ކަމުގައި އާތިފް ވިދާޅުވި އެެވެ.
"އަޅުގަޑުމެން ދާނީ ޕީޕީއެމްއަށްތޯ ނޫނީ އެމްޑީޕީއަށްތޯ ރައްޔިތުން ނިންމާނީ،" އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ ފުރަތަމަ މޭޔަރު އާތިފް ވިދާޅުވީ ރިޔާސިީ އިންތިހާބުގައި އެމްޑީޕީއާ ބަޔަކު ވާދަކުރާނަމަ ކިރިޔާވެސް އެމްޑީޕީއާ ވާދަކޮށްލެވޭނީ އިދިކޮޅު ޕީޕީއެމްއަށް އެކަނި ކަމަށެވެ.