ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ނިޒާމު ފުނޑާލައި މިސްރާބު ހުރީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް: ސޯލިހް

ލާމަރުކަޒީ ނިޒާމު އެއްކޮށް ފުނޑާލުމަށްފަހު މިސަރުކާރު މިސްރާބު ޖަހާފައިވަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އިން މިއަދު ކުޅުދުއްފުށީގައި ފެށި "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މިސަރުކާރުން ގެންނަ ބޮޑެތި ބަދަލުތަކާ އެކު މުޅި ނިޒާމު ފުނޑިގެންދާނެ ކަމަށެވެ. އަދި މިއީ ޕީޕީއެމް ޕީއެންސީ ވެރިކަމާ ހަވާލުވާ ކޮންމެ ފަހަރަކު ލާމަރުކަޒީ ނިޒާމާ މެދު އަމަލުކުރާ ގޮތް ކަމަށްވެސް ވިދާޅުވި އެވެ.

"އެޓޯލްސް މިނިސްޓްރީ އުފައްދައިފި. ބާރުތައް ޖަމާކުރުން ފުރަތަމަ ދުވަހުން ފެށިގެން އެދަނީ ކުރިއަށް. މިއަކީ ދިވެހިރާއްޖެ ތަރައްގީކުރެވޭނެ ގޮތް ކަމަކަށް އެމްޑީޕީން އެއް އިރަކުވެސް ނުދެކެން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމްޑީޕީގެ ޖަލްސާއެއްގައި ދުވަސްތަކަކަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ނިމިގެން ދިޔަ އެމްޑީޕީގެ ސަރުކާރުން ފެށި ހުރިހާ މަސައްކަތްތަކެއް ހުރީ ހުއްޓިފައި ކަމަށެވެ. އަދި ކައުންސިލްތައް އޮތީ އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް ބައެއްގެ ނުފޫޒުތަކެއްގެ ތެރެއަށް ލާފައި ކަމަށްވެސް ތުހުމަތު ކުރެއްވި އެވެ. ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި ކުރެވެން ހުރި ހުރިހާ ކަމެއް އެމްޑީޕީ އިން އަމަލީގޮތުން ކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މިއަދުގެ ސަރުކާރަކީ ރައްޔިތުން ދައްކާ ވާހަަކައެއް އަޑުއަހައި ގަބޫލުކުރާ ބައެއް ނޫން ކަމަށާއި ހުރިހާ ކަމެއްވެސް ކުރަނީ އަމިއްލަ ފައިދާއަށް ހިތުހުރި ގޮތަކަށް ކަމަށެވެ. ރާއްޖޭގައި އޮތީ ޑިމޮކްރަސީ ކަމަށްވާތީ ހުދުމުހުތާރުކޮށް ކަންކަން ކުރަން ބޭނުންވާ ސަރުކާރަކަށް ޑިމޮކްރަސީއެއްގައި ވެރިކަން ކުރަން އެއްގޮތަކަށްވެސް ފަސޭހަ ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ހުދުމުހުތާރު ވެރިކަމަކީ މިހާރު މިއޮތް ސަރުކާރު މިސްރާބު ޖަހާފައި އޮތް ދިމާ. ޑިމޮކްރަސީއަކީ ހަމައެކަނި ރައްޔިތުންނާ ހިސާބަށް ގޮސް ވޯޓެއް ނަގައިގެން ސަރުކާރު ބަދަލުކުރުމެއް ނޫން. އެއަށް ވުރެ މާފުޅާދާއިރާއެއްގައި މާގިނަ ކަންތައްތަކެއް އެކުލެވޭ ކަމެއް އެއީ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ރައީސް ސޯލިހް ވަނީ މިސަރުކާރު ކުރިއަށްދާ މިސްރާބާއި ސަރުކާރުގެ މަސައްކަތްތައް ހުރި ގޮތާ ދޭތެރޭ ވަރަށް ބޮޑަށް ސުވާލު އުފައްދަވާފަ އެވެ.

"މިސަރުކާރު ވެރިކަމަށް އައީ އަޅުގަނޑުމެން އޭރުވެސް ބުނަމުން ގެންދިޔައިން ދޮގާއި އޮޅުވާލުމާއި ފިތުނައާއި ފަސާދައިގެ ތެރެއިން ކަމަށް. ދޮގު ދޮލަގެއް ބޮލަށް ލައިގެން ދާ ވާހަކަ މިއިންނެވި އަބްދުﷲ ޝާހިދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދިޔަ. މިއަދު އެދަނީ އެކަން ހާމަވަމުން،" ރިޔާސީ އިންތިހާބުގެ ކެމްޕޭން ޝާހިދު ދެއްކެވި "ދޮގު ދޮލަގު"ގެ ވާހަކައަށް އިޝާރާތް ކުރައްވާ ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި ވެރިކަމަށް ވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންކަމުގައި ވައުދުވެވަޑައިގަތީ އެއްވެސް ހިސާބެއް، ކިތާބެއް ބެލުމެއް ނެތި އެވެ. އަދި އެކަމުގެ ހަގީގަތްތައް މިއަދު ހާމަވަމުންދާތީ މިއީ އެމްޑީޕީން މިއަދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ސަރުކާރު ވެރިކަމުގައި އޮތް އިރު އަވަށްޓެރި ގައުމުތަކާ ގުޅޭގޮތުން ދޮގު އެތައް ވާހަކައެއް ދެއްކި ކަމަށާއި އެކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތައް ލިބުނު ކަމުގައިވެސް ރައީސް ސޯލިހް މިއަދު ވިދާޅުވި އެވެ.

"ހަޑިހުތުރުވެގެން ނުގޮވަނީ ކޯއްޗެއްތޯ؟ އޭގެ ސަބަބުން މުޅި ގައުމަށާއ އަޅުގަނޑުމެން ރައްޔިތުންނަށް ވީ ގެއްލުން ގުނާ އަދަދު ނުކުރެވޭ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އޮތް އިރު އިންޑިއާއާ ގުޅޭ ގޮތުން މިއަދު ވެރިކަމުގައި ތިއްބެވި ބޭފުޅުން އިދިކޮޅުގައި ތިއްބަވައިގެން ދެއްކެވި ވާހަކަތަކުގެ ގެއްލުން މިއަދު ފެންނަމުންދާ ކަމަށެވެ. އިންޑިއާގެ ނަން ވިދާޅު ނުވެ ރައީސް ސޯލިހް ވިދާޅުވީ އިންޑިއާ އާއި ގުޅޭގޮތުން ދެއްކެވި ވާހަކަތަކުގެ ސަބަބުން ފާއިތުވި އަށެއް ނުވަތަ ނުވަ މަސް ދުވަހުގެ ތެރޭގައި އެ ގައުމުން ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 40 ޕަސަންޓް ދަށްވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ 3.2 ބިލިއަން ރުފިޔާ ނުލިބި ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

"ކާކުތޯ މީގައި ޒިންމާ ނަގަނީ. މިކަމަށް ޒިންމާ ކުރުވަން އެބަޖެހޭ. ފައިސާ ނެތް ވާހަކަ މިދައްކަނީ. އެހެންނަމަވެސް މިއީ ފާއިތުވި އަށެއް ނުވަތަ ނުވަ މަސް ތެރޭ ވެފައި ހުރި ގެއްލުންތައް،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ޕީޕީއެމް ޕީއެންސީ ވެރިކަމަށް އަންނަ ކޮންމެ ފަހަރަކު ރައްޔިތުންނާއި ފައިސާ ހަރަދު ކުރަން ތިބޭ މީހުން ބޮޑު ބިރުވެރިކަމަކަށް ދާ ކަމަށެވެ. އެހެންވެ މިއަދު އެމްޑީޕީ އިދިކޮޅުގައި އޮންނައިރު ޕާޓީއަށް ފައިސާ ހޯދުމަށް ގޮންޖެހުންތައް ހުރި ކަމަށްވެސް ވިދާޅުވި އެެވެ.

ރައީސް ސޯލިހްގެ ވާހަކަފުޅުގައި ސަރުކާރަށް ތަކުރާރުކޮށް ހަނދާންކޮށްދެއްވީ އެމްޑީޕީން ކަންކަން އިސްލާހުކުރުމަށް އަމަލީ ގޮތުން މަސައްކަތް ކުރާނެ ކަމެވެ. އަދި އެމްޑީޕީގެ މެންބަރުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގަތީ އެމްޑީޕީން ކަންކަން ބަލަން ނުތިބެ އަމަލީ ގޮތުން މަސައްކަތް ކުރުމަށެވެ.