އެސްޓީއޯ

އެސްޓީއޯގެ ފުށް ފެކްޓަރީއަށް ބިން ކަނޑައަޅައިފި

އެސްޓީއޯ އިން ރާއްޖޭގައި ހެދުމަށް ނިންމާފައިވާ ފުށް އުފައްދާ ބަންދުކުރާ ފެކްޓަރީ ހދ. ކުޅުދުއްފުށީގައި ހެދުމަށް ނިންމާފައިވާ ނިންމުމާ އެއްގޮތަށް އެ ފެކްޓްރީ ހަދާނެ ބިން ކަނޑައަޅައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމުރު މިއަދު ވިދާޅުވީ ކުޅުދުއްފުށީގައި ފުށް ފެކްޓްރީ އަޅާނެ ބިމެއް ކަނޑައަޅާފައިވާ ކަމަށެވެ. އަދި އެ ބިން މިއަދު ބައްލަވާލެއްވި ކަމަށެވެ. އަމްރާއެކު އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ އާއި ކުޅުދުއްފުށީ ތަމްސީލު ކުރައްވާ މަޖިލީސް ދެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

އަމުރު ވިދާޅުވީ ފުށް ފެކްޓްރީ އަޅާނީ އެމްޕީއެލްގެ ޕޯޓް ހިންގާ ސަރަހައްދުގައި އެ ކުންފުންޏަށް ދޫކޮށްފައިވާ ބިމުގައި ކަމަށާ އެ ފެކްޓްރީ އެޅުމުގެ އަމަލީ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށެވެ. އަދި ފެކްޓްރީއާއެކު ކުޅުއްފުށީގެ ވިޔަފާރި ފުޅާވާނެ ކަމަށެވެ. ވަޒީފާގެ ގިނަ ފުރުސަތުތަކެއް ހުޅުވިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

"އެކަމުގެ ސަބަބުން ކުޅުދުއްފުއްޓަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ. ބައިވަރު ވަޒީފާ އުފެދޭނެ. އޭގެ އިތުރުން އެކަހަލަ ކަމެއް އަޅުގަނޑުމެން ކުރީމާ އޭގެ ސަބަބުން އިތުރު ވިޔަފާރިތަކެއް ވެސް އެބަހުޅުވިގެންދޭ،" އަމްރު ވިދާޅުވި އެެވެ.

ފުށް ފެކްޓަރީ ހެދުމުގެ ގޮތުން ހަދަންޖެހޭ ސާވޭ ނިމި، އެ މަސައްކަތަށް ބޭނުންވާ ފައިސާއާއި އަދި އެ މަސައްކަތް ކޮށްދެވޭނެ ފަރާތްތައްވެސް ހޯދާފައިވާ ކަމަށް އަމުރު ވިދާޅުވި އެވެ.

އެސްޓީއޯ އިން ކުރިން މަސައްކަތް ކުރީ މާލެ ސަރަހައްދުގައި ފުށް ފެކްޓަރީ އެޅުމަށެވެ. އެގޮތުން މިސަރަހައްދުގެ ބައެއް ބިންތައް ވެސް އެސްޓީއޯ އިން ބަލާފައިވެ އެވެ.

ރާއްޖޭގެ ފުޑް ސެކިއުރިޓީ ޔަގީންކުރުމުގެ ގޮތުން ގޮދަށްފުށް ބަންދުކުރަން ނިންމާފައިވަނީ ރޯ ގޮދަން ރާއްޖެއިން ބޭރުން އެތެރެކޮށްގެންނެވެ. ފެކްޓަރީގައި ތަފާތު ބާވަތްތަކުގެ ފުށް އުފައްދާނެ އެވެ. އަދި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ވިޔަފާރިވެރިންނާއި އަދި އާންމުންގެ ބޭނުންތަކަށް ބޭނުންވާ ގޮތަށް ތަފާތު ބާވަތްތަކުގެ ފުށް، ފެކްޓަރީގައި ބަންދުކުރުމަށް އެސްޓީއޯ އިން ވަނީ ނިންމާފަ އެވެ.

އެސްޓީއޯއިން ބުނީ ފުށް ފެކްޓަރީގެ މަސައްކަތް ފެށުމުން ރާއްޖެއަށް ކާޑު އެތެރެކުރަން ކުރާ ހަރަދު ލުއި ވެގެންދާނެ ކަމަށާއި ފުށް ރައްކާކޮށްފައި ބެހެއްޓޭ މުއްދަތު ވެސް އިތުރު ކުރެވޭނެ ކަމަށެވެ.