ހަބަރު

ޖެޓްތަކުން ބާލާ ކުނިތައް ބަލައި ފާސްކުރަން ނިންމައިފި

Dec 15, 2015
2

ރާއްޖެ އަންނަ ޕްރައިވެޓް ޖްޓްތަކުން އުކާލައި ކުނި ބުނި ވެސް ބަލައި ފާސްކުރާ ގޮތަށް ކަސްޓަމްސް ސާވިސް އިން ނިންމައިފި އެވެ.

ކަސްޓަމްސްގެ އޮފިޝަލަކު ވިދާޅުވީ، ޕްރައިވެޓް ޖެޓްތައް ސާފުކޮށްފައި އުކާލައި ކުނި ބުނި މިހާރު ޗެކް ކުރަމުން ނާންނަ ކަމަށެވެ. އެހެން ނަމަވެސް ރާއްޖޭގެ ބޯޑަރުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމުގެ ގޮތުން އެތަކެތި ވެސް ބަލައި ފާސްކުރަން ނިންމީ ކަމަށް ވެސް ވިދާޅުވި އެވެ.

ޕްރައިވެޓް ޖެޓްތައް ރާއްޖެ އައުމުން އޭގެން އަންނަ ޕެސެންޖަރުން ފޭބުމާ އެކު އެއާޕޯޓްގެ މުވައްޒަފުން ގޮސް ޖެޓްތައް ސާފުކޮށް އޭގެ ތެރޭގައި ހުންނަ ކުނިތައް އުކާލަ އެވެ. އަދި އެފަދަ ޖެޓްތަކުގައި ގިނައިން އަންނަނީ މުއްސަދިން ކަމަށް ވެފައި، މިހާތަނަށް އެފަދަ ތަކެތި ބަލައި ފާސްކޮށެއް ނަހަދަ އެވެ.

"އިތުރަށް ސަލާމަތީ ކަންކަން ވަރުގަދަ ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުން މިކަން މި ކުރަނީ. މީގެ ކުރިން ޝައްކެއް ވަންޔާ މި ބަލަނީ. އެކަމަކު ކޮމިޝަނާ ޖެނެރަލް ކަސްޓަމްސްގެ މި އެންގެވުމާ އެކު އެފަދަ ޖެޓްތަކުން ބާލާ ހުރިހާ ކުނިތަކެއް ބަލައި ފާސްކޮށްފައި އެ އެއްޗިހި އުކާލެވޭނީ،" ކަސްޓަމްސްގެ އޮފިޝަލް ވިދާޅުވި އެވެ.

މި ދުވަސްވަރަކީ އާ އަހަރުގެ ޗުއްޓީއަށް ގިނަ އަދަދެއްގެ މުއްސަދިން ޕްރައިވެޓް ޖެޓްތަކުގައި ރާއްޖެ އަންނަ ދުވަސްވަރެކެވެ. އެންމެ ގިނަ ޖެޓްތައް ބަހައްޓަނީ، އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓާއި، އައްޑޫ ގަން އެއާޕޯޓާް އަދި މާމިގިލީ އެއާޕޯޓްގަ އެވެ.

ރައީސް އަބްދުﷲ ޔާމީން އަށް އަމާޒުކޮށް ރިޔާސީ ލޯންޗްކޮޅުގައި ދިން ހަމަލާއަށް ފަހު ސަލާމަތީ ގޮތުން ގިނަ ކަންކަން އަންނަނީ ވަރުގަދަ ކުރަމުންނެވެ. އެގޮތަށް އަމަލު ކުރަން ޖެހުނީ އެ ހަމަލާއާ ގުޅުން ހުރި ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެތި ބ. ހިބަޅިދޫ އިން ފެނިފައިވާތީ އެވެ.