މާފަރު އިންޓަނޭޝަނަލް އެއާޕޯޓް

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކުރަން ހުށަހެޅި ޕްރޮޕޯސަލްތައް ބާތިލްކޮށްފި

Jan 2, 2022
2

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތްކޮށްދިނުމަށް ހުށަހެޅި ޕްރޮޕޯސަލްތައް ބާތިލްކޮށްފި އެވެ.

މާފަރު އެއާޕޯޓުގެ ރަންވޭ ބޮޑުކޮށްދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިއުލާންކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ އެއްވަނަ ދުވަހު އެވެ.

އެ އިއުލާނާ ގުޅިގެން ޕްރޮޕޯސަލްތަކެއް ލިބުނު ނަމަވެސް ހުށަހެޅި ޕްރޮޕޯސަލްތަކާ ގުޅޭ އެއްވެސް މައުލޫމާތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ފިނޭންސް މިނިސްޓްރީން މިއަދު ބުނީ ބީލަން ހުށަހެޅުމުގެ ދައުވަތާއި ޕްރޮކިއުމަންޓް މަރުހަލާ ބާތިލްކުރީ ޕްލޭނިން މިނިސްޓްރީން އަންގައިގެން ކަމަށެވެ.

އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ބީލަންތައް ބާތިލްކުރީ ޓެކްނިކަލް ބައިތަކުގައި މައްސަލަތަކެއް އުޅޭތީ ކަމަށެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތަކީ އަބޫދާބީ ފަންޑުން މުޅި މަޝްރޫއަށް ހަރަދުކުރާ މަޝްރޫއެކެވެ. އެހެންވެ މިމަޝްރޫއާއި ގުޅިގެން ސަރުކާރުން ގޮތްތައް ނިންމަނީ އެފަރާތުގެ ލަފައާއި މަޝްވަރާގެ މަތިންނެވެ.

އަކްރަމް އިތުރަށް ވިދާޅުވީ އަބޫދާބީ ފަންޑުގެ ބޭފުޅުން ލަފާ ދެއްވާ ގޮތްތަކެއް ބެއްލެވުމަށްފަހު މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ބީލަމަށްލާނެ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެންނަށް ގަބޫލުކުރެވެނީ އެބޭފުޅުން ބޭނުންވާ އެކަށީގެންވާ އަދަދަކަށް ޕްރޮޕޯސަލްތައް ވެސް ނުލިބެނީހެން،" އަކްރަމް ވިދާޅުވި އެވެ.

އާބާދީގައި 1،257 މީހުން ދިރިއުޅޭ މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާ، ހިދުމަތް ދޭން ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ޑިސެމްބަރު 1، 2019 ގައެވެ.

މާފަރުގައި އެއާޕޯޓެއް އަޅާނެކަން އެންމެ ފުރަތަމަ އިއުލާނު ކުރެއްވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާފަރުގައި އެއާޕޯޓު އަޅަން ދެ ކުންފުންޏަކާ ހަވާލު ވެސް ކުރި އެވެ. ނަމަވެސް އެއާޕޯޓު ތަރައްގީކޮށް ނިންމީ ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.

އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއަކާ އެކުގަ އެވެ.