ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައްޑޫ ސިޓީގައި ތަރައްގީކުރަން ހަމަޖެހިފައިވާ "ސޭފް ހޯމް" އެޅުމުގެ މަޝްރޫއު ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިގޮތުން މިމަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭނެސް މިނިސްޓްރީން މިހާރު ވަނީ ބީލަމަށް ލާފަ އެވެ.
މިއީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ ހިލޭ އެހީގައި ކުރިއަށްގެންދާ "ސްޓްރެންތަނިން ޖެންޑަ އިންކްލޫސިވް އިނީޝިއޭޓިވް" ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި އެހީއަކީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއާއި އޭޑީބީއާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ދީފައިވާ އެހީ އެކެވެ.
މި މަޝްރޫއަށް އޭޑީބީން 7.5 މިލިއަން ޑޮލަރުގެ ހިލޭ އެހީ ރާއްޖެއަށް ވަނީ ފޯރުކޮށްދީފަ އެވެ. މިމަޝްރޫއުގެ ދަށުން ތިން އަމާން ހިޔާ ނުވަތަ ސޭފް ހޯމް ގާއިމުކުރާނެ އެވެ. އެއީ ހުޅުމާލެ، އައްޑޫ ސިޓީ އަދި ރ. އަތޮޅު ގައެވެ.
ޕްލޭނިން މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަަށް ގެންދިއުމަށް ނިންމާފައިވާ އައްޑޫ ސޭފް ހޯމްގެ ބީލަން ހުޅުވުން އޮންނާނީ ކުރިއަށް އޮތް ސެޕްޓެމްބަރު 19 ވަނަ ދުވަހު އެވެ.
މި މަޝްރޫއަކީ މައިގަނޑު ފަސް ނަތީޖާއެއް ހާސިލްކުރުމަށް ފަަސް އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ. މީގެތެރޭގައި އިޖުތިމާއީ ރައްކާތެރިކަމުގެ ހިދުމަތް ފޯރުކޮށްދޭ ދާއިރާގެ ގާބިލްކަން އިތުރުކުރުމުގެ އިތުރަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތައް މަދުކުރުމާއި، އަނިޔާ ލިބޭ ފަރާތްތަކަށް ބޭނުންވާ ވަގުތީ ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ވަގުތީ ރައްކާތެރިކަން ފޯރުކޮށްދޭ ތިން ސޭފް ހޯމް ގާއިމުކުރުމާއި، މިންތީގެ ދާއިރާއާ ގުޅޭ ތަފާސްހިސާބުގެ ކަންކަން ބެލެހެއްޓުން ހަރުދަނާކުރުމާއި، މީގެ އިތުރުން ރެސްޕޮންސިވް ބަޖެޓިން ތަޢާރަފްކުރުމާއި އަދި ބަޖެޓް އެކުލަވާލާއިރު ޖެންޑަ ރެސްޕޮންސިވް ބަޖެޓެއް ތައްޔާރު ކުރަން މުވައްޒަފުންތައް ތަމްރީން ކުރުން ހިމެނެ އެވެ.
ޖެންޑާ މިނިސްޓްރީން ބުނީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އާއިލާތަކާއި ކުޑަކުދިންނަށް ބޭނުންވާ އެހީތެރިކަމާއި ރައްކާތެރިކަން ކަނޑައެޅިފައިވާ ހާއްސަ ނިޒާމެއްގެ ތެރެއިން ދެވޭނެ ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި އަންހެނުންނަށް ކުރާ އަނިޔާގެ މިންވަރު ދަށްކުރުމަށާއި އިޖުތިމާއީ އަދި އިގްތިސާދީ ކަންކަމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެ އެވެ.