އައްޑޫގައި ހިންގާ މަޝްރޫއުތައް ކުރިއަށްދާ ގޮތް ބަލައި، ދިމާވާ މަސައްލަތަކަށް ހައްލު ހޯދުމަށްޓަކައި އައްޑޫއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން އައްޑޫގެ މަޝްރޫތަކުގެ ދުވެލި އަވަސްވެއްޖެ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި މަސައްކަތްތަކަށް ހައްލުތަކެއް ހޯއްދަވައިދެއްވާފައިވާނެ ކަމަށެވެ.
"އަޅުގަނޑު އައްޑޫއަށް ގޮސްގެން މަސައްކަތްތަކަކަށް ހައްލުތަކެއް ހޯދައި ދެވިއްޖެ ކަމަށް އަޅުގަނޑު ގަބޫލުކުރަން. މަސައްކަތްތަކުގެ ސްޕީޑުވެސް ރަނގަޅުވަމުންދާ ކަމަށް ގަބޫލުކުރަން. އައްޑޫގެ މަސައްކަތުގައި ހުރި މައްސަލަތައްވެސް އަޅުގަނޑަށް ހަމަ ލޮލުން ފެނި ފާހަގަވެއްޖެ،" އަސްލަމް ވިދާޅުވި އެވެ.
އައްޑޫގެ މަޝްރޫތަކަށް ދިމާވި މައްސަލަތަކާއި އެކަމަށް ގެނައި ހައްލުތަކުގެ ތަފްސީލުތައް އަސްލަމް ދެއްވާފައެއް ނުވެ އެވެ.
އަސްލަމް ވަނީ އައްޑޫ ސިޓީގައި ސަރުކާރުން ކުރިއަށް ގެންދާ މަގު ހެދުމުގެ މަޝްރޫއުގައި ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އައްޑޫއަށް ވަޑައިގެން ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާތަކެއް ކުރައްވާފަ އެވެ.
އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަނީ ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.
އައްޑޫ ސިޓީގެ މަގުތައް ހަދަމުންދާއިރު ރައްޔިތުންގެ މައިގަނޑު ކަންބޮޑުވުމަކީ މަގުގައި އުޅަނދު ދުއްވަން އޮންނަ ބައި ކުރިއަށް ވުރެ ކުޑަކޮށް، ކުރިއަށް ވުރެ ދުވާރު ބޮޑުކުރުމެވެ. މަގު ހެދުމަށް މަގު ކޮނުމަށްފަހު ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓަން ޖެހުމާއި އެފަދަ ބައެއް ވަޅުގަނޑުތަކަށް އާންމުންނާއި ވެހިކަލް ވެއްޓޭ މައްސަލަ އަކީވެސް ކަންބޮޑުވުމެކެވެ. އަދި ދުވާރު ހަދާއިރު ބައެއް ގޭގެއަށް އުޅަނދު ވައްދަން ދަތިވާ މައްސަލަ ވެސް ރައްޔިތުން ފާހަގަކުރެ އެވެ.
އައްޑޫ ސިޓީގެ މަގުތަކުގައި ގާ އަތުރައިގެން މަގުތައް ހެދުމަށް އެފްކޮންސް ކުންފުންޏާ ހަވާލުކުރީ ފެބްރުއަރީ 2021 ގައެވެ. ޖުމްލަ 107 ކިލޯމީޓަރުގެ މަގު ހެދުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހު ފަށާފައިވާއިރު މިމަޝްރޫއު ނިންމަން ދިނީ ދެ އަހަރު ދުވަހެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ރުފިޔާގެ ކްރެޑިޓް ލައިންގެ ދަށުން އައްޑޫ މަގު ހެދުމަށް 1.2 މިލިއަން ރުފިޔާ ހަރަދުކުރުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
އައްޑޫ ސިޓީގެ މަގުތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ގޮތުން އައްޑޫގެ ރައްޔިތުން ގެންދަނީ އެފްކޮންސް އަށް މިމަސައްކަތް ކުރެވިދާނެތޯ ސުވާލު އުފައްދަމުންނެވެ.