ޏ. ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަދި ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
މި ދެ ރަށުގައި ހައުސިން ޔުނިޓް އަޅަން ފިނޭންސް މިނިސްޓްރީން އިއުލާނު ކުރީ އިއްޔެ އެވެ.
ފުވައްމުލަކުގެ 400 ހައުސިން ޔުނިޓް ޕްރޮޖެކްޓްގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ. ފުވައްމުލަކުގެ 400 ހައުސިން ޔުނިޓް ގެ ބިޑު ހުޅުވުން ހަމަޖެހިފައި އޮތީ އަންނަ މަހު އަށެއްގަ އެވެ.
ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމަށް ނިންމާ އެ މަޝްރޫއު ސަރުކާރުގެ ފަރާތުން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ފުވައްމުލަކަށް ވަޑައިގެން މާޗް 25، 2022ވަނަ ދުވަހުގެ ރޭ އެރަށުގެ ރައްޔިތުންނަށް ދެއްވި މާހެފުމެއްގަ އެވެ.
މާހެފުމުގައި ރައީސް ވިދާޅުވީ މިސަރުކާރުން ގެންގުޅޭ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން ފުވައްމުލަކުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ 200 ހައުސިން ޔުނިޓްގެ މަސައްކަތް އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ. އެ ފްލެޓްތަކުގެ ތެރެއަށް އިތުރު 200 ފްލެޓް އިތުރުކޮށް ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ކުރިން ކުރި އިއުލާނު ބާތިލުކޮށް އަލުން ވަނީ އެ ރަށުގައި ހައުސިން ޔުނިޓް އަޅަން އިއުލާނުކޮށްފަ އެވެ.
މަޝްރޫއުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 155،000 ރުފިޔާ ދައްކަން ޖެހެ އެވެ. ބިޑް
ކޮމަންޑޫގެ 30 ހައުސިން ޔުނިޓްގެ ބިޑު ހުޅުވުން ހަމަޖެހިފަ އޮތީ މި މަހުގެ 31 ވަނަ ދުވަހުއެ ވެ.
ހައުސިން ޔުނިޓް އަޅާ ރަށްތަކާއި އަދަދު
ހދ. ކުޅުދުއްފުށި - 400 ހައުސިން ޔުނިޓް
ސ. ހިތަދޫ - 200 ހައުސިން ޔުނިޓް
ފުވައްމުލައް - 200 ހައުސިން ޔުނިޓް
ގދ. ތިނަދޫ - 200 ހައުސިން ޔުނިޓް
ޅ. ހިންނަވަރު - 100 ހައުސިން ޔުނިޓް
ލ. ގަން - 100 ހައުސިން ޔުނިޓް
ހއ. ދިއްދޫ - 75 ހައުސިން ޔުނިޓް
ސ. ފޭދޫ - 75 ހައުސިން ޔުނިޓް
ށ. މިލަންދޫ - 50 ހައުސިން ޔުނިޓް
ށ. ކޮމަންޑޫ - 30 ހައުސިން ޔުނިޓް
އއ. ރަސްދޫ - 50 ހައުސިން ޔުނިޓް
ގއ. ވިލިނގިލި - 50 ހައުސިން ޔުނިޓް
ނ. މަނަދޫ - 40 ހައުސިން ޔުނިޓް
ނ. ހޮޅުދޫ - 30 ހައުސިން ޔުނިޓް
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން މިދިޔަ އަހަރު ވަނީ ބައެއް ރަށްރަށުގައި ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ގދ. ތިނަދޫ އާއި ނ. މަނަދޫ އާއި ހއ. ދިއްދޫ އާއި ކުޅުދުއްފުށީގެ އިތުރުން ހިންނަވަރު ހިމެނެ އެވެ.