މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

4،000 ފްލެޓް ދޭނީ ޕޮއިންޓް ތަރުތީބުން، ލިސްޓް އާންމުކުރާނެ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި މީހުންގެ ތެރެއިން ފްލެޓް ލިބޭ ފުރަތަމަ 4،000 ކަނޑައަޅާނީ ޕޮއިންޓް ލިބިފައިވާ ތަރުތީބުން ކަމަށާއި ޕޮއިންޓް ލިބިފައިވާ ގޮތް އެނގޭ ގޮތަށް ލިސްޓް އާންމުކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.

ހުޅުމާލެ އިން ދޫކުރަން ތައްޔާރުވަމުންދާ 4،000 ފްލެޓާ ގުޅިގެން އޭސީސީ އަށް މިހާރު ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ. މައްސަލައިގައި ތުހުމަތުކޮށްފައިވާ ގޮތުގައި ސަރުކާރުން ތައްުޔާރުވަމުން ދަނީ ހުޅުމާލޭގައި ހަދާފައިވާ ފްލެޓްތައް ވަކި ބަޔަކަށް ދޫކޮށްލުމަށެވެ. ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ބުނާ އެންމެންގެ ދިރިއުޅުމުގެ ހާލަތު ސާވޭ ކޮށްފައި ނުވާ ކަމަށާއި 4000 ފްލެޓް ދޭނެ މީހުން ކަނޑައަޅާނެ އުސޫލެއްވެސް އާންމުކޮށްފައި ނުވާ ކަމަށްވެސް މައްސަލައިގައިވެ އެވެ.

ނަމަވެސް އޭސީސީގައި އޮތް މައްސަލައިގައި ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވަނީ 4،000 ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވަނީ ޕޮއިންޓް ލިބުނު ތަރުތީބުން ކަމަށް ވިދާޅުވެފަ އެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އުސޫލު މާކުރިން އާންމުކޮށްފައިވާ ކަމަށާއި ފްލެޓް ލިބުނު މީހުން ކަނޑައެޅުމަށް ޕޮއިންޓް ދީ ހަދަނީ އެ އުސޫލު ތެރެއިން ކަމަށްވެސް ވިދާޅުވެފައިވެ އެވެ.

ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގެ އުސޫލު ޖޫން 26، 2022ގައި ގެޒެޓްކޮށްފައިވާއިރު މިއުސޫލުގައި ފްލެޓަށް ކުރިމަތިލުމަށް ޝަރުތު ހަމަވާ ގޮތްތަކާއި ފްލެޓު ލިބޭ ފަރާތްތައް ކަނޑައަޅާނެ ގޮތް ނުވަތަ ޕޮއިންޓު ދޭނެ މިންގަނޑުތައް އަދި އަގު ނަގާނެ ގޮތުގެ މައުލޫމާތުވެސް ހިމަނާފައިވެ އެވެ.

ފްލެޓް ލިބުނު މީހުންގެ ތެރެއިން ބައެއް މީހުންގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތް ޕްލޭނިން މިނިސްޓްރީން ކުރިން ބަލާފައިވެ އެވެ. މިނިސްޓްރީން ބުނި ގޮތުގައި ފްލެޓް ލިބޭ އެންމެންގެ ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެެއަށް ޒިޔާރަތް ކުރަން އެއްވެސް އިރަކު ނިންމާފައެއް ނުވާނެ އެވެ.

މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށް ކުރިއަށް ގެންދާ ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4،000 ފްލެޓް އަޅަން ސަރުކާރުން ހަވާލުކޮށްފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަނަށެވެ. މިމަޝްރޫއުގައި ހިމެނޭ ޓަވަރުތަކުގެ ތެރެއިން ހަ ޓަވަރެއްގެ ފިނިޝިން މަސައްކަތް މިހާރު ވަރަށް ބާރަށް ކުރިއަށް އެބަދެ އެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ ދެ މަޝްރޫއެއްގެ ގޮތުގައި ދެ ކުންފުންޏަކުންނެވެ. އެގޮތުން އިންޑިއާގެ ދެ ކުންފުނި ކަމަށްވާ އެންބީސީސީ އިން 2،000 ފްލެޓު އަދި ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) ލިމިޓެޑުން 2،000 ފްލެޓު އަޅާނެ އެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަނީ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމުކުރީ މިދިޔަ ސެޕްޓެމްބަރު 27 ވަނަ ދުވަހު ސަރުކާރުން ވަނީ އާންމުކޮށްފަ އެވެ. މީގެތެރެއިން ފްލެޓް ލިބޭ މީހުންގެ ތަރުތީބު ކަނޑައަޅައި އެ ލިސްޓް އިއުލާން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އާދިއްތަ ދުވަހު އެވެ.