އެޗްޑީސީ

ހުޅުމާލެ އިން ގޯތި ލިބޭ މީހުން މާޗް މަހު އިއުލާންކުރަނީ

Jan 26, 2023

މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށް ގެންދާ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އިން ގޯތި ދޫކުރާ ސަރަހައްދު އިން ވަކިކޮށް ބިން ސާފުކޮށް ބަންޑާރަ ގޯތި ދޫކުރުމަށް ތައްޔާރުވާން ފަށައިފި އެވެ.

ހުޅުމާލޭގައި ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތައް ހިމެނޭ ބިންތައް ސާފުކުރުމުގެ މަސައްކަތް އެޗްޑީސީއާއި ޕްލޭނިން މިނިސްޓްރީން މިއަދު ވަނީ ފަށާފަ އެވެ.

ގޯތިތައް ދޫކުރަނީ ހުޅުމާލޭގެ ފޭސް ދޭއްގެ އެކި ސަރަހައްދުތަކުންނެވެ.

އެޗްޑީސީ އިން މިއަދު ބުނީ މިސްކީމްގެ ދަށުން ގޯތި ލިބިފައިވާ މީހުންގެ ނަންތައް މިއަހަރުގެ މާޗް މަހު އާންމުކޮށް އިއުލާންކުރަން ހައުސިން މިނިސްޓްރީން ތައްޔާރުވަމުންދާ ކަމަށެވެ.

"މިތަނުގައި މިހާރު ކުރަމުންދާ މަސައްކަތަކީ، ބިން ސާފުކޮށް، އެއްވަރުކުރުމުގެ މަސައްކަތް. މިހާރު ގޯތި ދިނުމަށްވާ އެންމެ ފަހުގެ ތައްޔާރީތައް ކުރިއަށް ގެންދިޔުމުގެ މަސައްކަތް ދަނީ ކުރަމުން. އެގޮތުން މި ތަނުގައި ޔުޓިލިޓީގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުން،" އެޗްޑީސީން މިއަދު ބުނެފައިވެ އެވެ.

މާލެއިން ދޫކުރާ ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް އެޕްލިކޭޝަން މަރުހަލާ ހުޅުވާލީ މިދިޔަ އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމް ހުށަހެޅުމަށް ހުޅުވާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހު އެވެ. ފޯމް ހުށަހެޅުމާއި ބަލައިގަތުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށެވެ. ގޯއްޗަށް ކުރިމަތިލާ ފޯމް ހުށަހެޅުމަށްފަހު ފޯމަށް ބަދަލެއް ގެންނަން ބޭނުންވި މީހުންނަށް މުއްދަތު ހަމަވުމުގެ ކުރިން އެ ބަދަލު ގެނައުމަށްވެސް ފުރުސަތު ދީފައިވެ އެވެ.

ގެދޮރުވެރިޔާ އަދި ބިންވެރިޔާގެ ޕްރޮގްރާމަށް ހުށަހެޅުމުގެ ވަގުތު ހަމަވިއިރު ޖުމުލަ 35،861 ފޯމު ހުށަހެޅި އެވެ. އެއީ މާލޭގެ ރައްޔިތުންނަށް ދޫކުރާ 5،000 ގޯއްޗަށް ހުށަހެޅި 15،164 ފޯމާއި 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް ހުށަހެޅި 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް ހުށަހެޅި 6،208 ފޯމެވެ.

ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.

މާލެއަށް ކުރިމަތިވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުމަށް މާލޭގެ ރައްޔިތުންނަށް 5،000 ގޯތި ދޫކުރުމަށް ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވީ މިދިޔަ އަހަރު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. ރައީސް ވިދާޅުވީ ހުޅުމާލެ އިން 1،000 ގޯއްޗާއި، ގުޅިފަޅުން 2،000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައިގެން އެތަނުން ވެސް 2،000 ގޯއްޗާ އެކު ޖުމްލަ 5،000 ގޯތި ދޫކުރާނެ ކަމަށެވެ.