އުތުރު ތިލަ ފަޅު

އުތުރު ތިލަފަޅުން 215 ހެކްޓަރުގެ ބިން ހިއްކަނީ

މާލޭގައި ދިރިއުޅޭ ރައްޔިތުންނާއި ދަފްތަރުގައި ޖެހިފައިވާ ރައްޔިތުންނަށް ގޯތި ދިނުމަށްޓަކައި އުތުރު ތިލަފަޅުން 215 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ނިންމައިފި އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު ވަނީ އުތުރު ތިލަފަޅު ބިން ހިއްކުމަށް ހަމަޖެހިފައިވާ ގޮތުގެ ކުރެހުމެއް އާންމުކުރައްވާފަ އެވެ.

މިކުރެހުމުގައިވާ ގޮތުން އުތުުރު ތިލަފަޅުން 215 ހެކްޓަރުންގެ ބިން ހިއްކާއިރު އެ ފަޅުގައި ހަދަމުން އެމްއެންޑީއެފްގެ އަސްކަރީ ބަނދަރު -- ސިފަވަރު އޮންނަނީ މީހުން ދިރިއުޅެން ދޫކުރާ ބިމާއި ވަކިކޮށްލާފަ އެވެ.

ސަރުކާރުން މިހާރު ވަނީ ތިލަމާލެ ބްރިޖު މަޝްރޫއު ނިމިގެންދާއިރު އުތުރު ތިލަފަޅުވެސް މި ބްރިޖު ތެރެއިން ގުޅާލުމަށް ނިންމާފަ އެވެ.

މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންނަށް ގޯތި އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންނަށް ފްލެޓް ދިނުމަށް ނިންމާ މި ސްކީމު ހުޅުވާލީ ރޭގެ ވަގުތެއްގައެވެ.

ސަރުކާރުން ނިންމާފައިވަނީ އުތުރު ތިލަފަޅުން 4،500 އަށް ވުރެ ގިނަ ގޯއްޗާއި، މާލެ ސަރަހައްދުން 8،000 ފްލެޓް ދޫކުރުމަށެވެ.

ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދިނުމަށް އުތުރު ތިލަފަޅުން 5,525,000 އަކަފޫޓުގެ ބޮޑު ސަރަހައްދެއް ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމށެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް އިއުލާންގައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެސް ރޭ ވިދާޅުވީ މާލޭގައި ދިރިއުޅޭ މީހުންނަށް ގޯތި ދޫކުރާނީ އިދިކޮޅު ފަރާތްތަކުން، އިންޑިއާ އިން ހިސާރުކޮށްގެން އުޅޭ ކަމަށް ބުނާ އުތުރު ތިލަފަޅުން ކަމަށެވެ. މިގިންތީގައި ހިމެނޭ އެންމެނަށްވެސް މި ސްކީމުން ގޯތި ދޭނެ ކަމުގައި ވިދާޅުވި އެވެ.

'"އެތަނުގައި [އުތުރު ތިލަފަޅުގައި] ދިވެހިން ދިރިއުޅޭނީ. ބޭރު މީހުންނެއް ނޫން އުޅޭނީ. މާލޭން ވިލިމާލެއަށް، ވިލިމާލޭން ގުޅިފަޅަށް، ގުޅިފަޅުން ތިލަފުށްޓަށް، ތިލަފުށިން ގިރާވަރު ފަޅަށް، ގިރާވަރުފަޅުން އުތުރުތިލަފަޅަށް، ބްރިޖުުން އެތަން ގުޅިގެންދާނެ،" ރައީސް ވިދާޅުވި އެވެ.

މިސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވި 19،842 މީހަކަށް އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވި 16،923 މީހަކަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވި 19،842 މީހަކަށް ހުޅުމާލެ، ގުޅިފަޅުން މިހާރު ދަނީ ގޯތިތައް ހަވާލުކުރަމުންނެވެ. އަންނަ ހަފްތާގެ ތެރޭގައި ގިރާވަރުފަޅުން ބައެއް މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.

މިސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ޝަރުތު ހަމަވި 16،923 މީހަކަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓް ވެސް މިހާރު ވަނީ އާންމުކޮށްފަ އެވެ.