ބޯހިޔާވަހިކަން

ދެވަނަ ބުރުގެ ގޯއްޗާއި ފްލެޓަށް އެދި 40،000 އަށް ވުރެ ގިނަ ފޯމު

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ހިންގާ "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ދެވަނަ ފުރުސަތު ހަމަވިއިރު 40،000 އަށްވުރެ ގިނަ ފޯމު ހުށަހަޅައިފި އެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން މާލޭގައި ދިރިއުޅޭތާ 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންނަށް ގޯތި އަދި މާލޭގައި ދިރިއުޅޭތާ 15 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށް ފްލެޓް ދިނުމަށް ނިންމާ ކުރިމަތިލުމަށް ހުޅުވާލީ މިދިޔަ މަހުގެ 24 ވަނަ ދުވަހު އެވެ.

އެ ފުރުސަތު މިއަދު މެންދުރުފަހު 3:00 އަށް ހަމަވެފައިވާއިރު "ބިންވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ބަންޑާރަ ގޯއްޗަށް އެދި 19،347 ފޯމު ހުށަހަޅާފައިވާއިރު "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ދޫކުރާ ފްލެޓަށް 21،247 ފޯމު ހުށަހަޅާފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެ އެވެ.

ސަރުކާރުން ނިންމާފައިވަނީ ދިވެހި އަސްކަރީ ސިފައިން ބަނދަރެއް ތަރައްގީކުރަމުންދާ އުތުރު ތިލަފަޅުން 4،500 އަށް ވުރެ ގިނަ ގޯއްޗާއި، މާލެ ސަރަހައްދުން 8،000 ފްލެޓް ދޫކުރުމަށެވެ.

ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ އިއުލާންގައި ބުނެފައިވަނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ގޯތި ދިނުމަށް އުތުރު ތިލަފަޅުން 5,525,000 އަކަފޫޓުގެ ބޮޑު ސަރަހައްދެއް ހަމަޖެއްސުމަށް ސަރުކާރުން ނިންމާފައިވާ ކަމށެވެ. ގޯތީގެ އަދަދު ކަނޑައެޅޭނީ، ގޯތި ދިނުމަށް ހޮވޭ ވަކިވަކި އެޕްލިކޭޝަންތަކަށް ދޫކުރާނެ ގޯތީގެ ބޮޑުމިން ކަނޑައެޅުމުން ކަމަށް އިއުލާންގައިވެ އެވެ.

ގޯއްޗަށް ކުރިމަތިލަނީ އެހެން މީހަކާ ނުގުޅި އެކަނި ކަމަށްވާނަމަ ދޫކުރުމަށް ހަމަޖެހިފައިވަނީ 1,250 އަކަފޫޓުގެ ގޯއްޗެވެ. އެހެން މީހަކާ ގުޅިގެން ހުށަހަޅާ ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރަށް ބައިވެރިވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރު ކުރެވެ އެވެ. ހަތް މީހުންނަށް ވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަނުގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމުލަ 4,000 އަކަފޫޓެވެ.

މިސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތަކަށް ޝަރުތު ހަމަވި 19،842 މީހަކަށް މިހާރު ދަނީ ގޯތިތައް ހަވާލުކުރަމުންނެވެ.

މީގެ އިތުރުން މިސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ފުރަތަމަ ބުރުގެ ދަށުން ދޫކުރާ ފްލެޓްތަކަށް ޝަރުތު ހަމަވި 16،923 މީހަކަށް ފްލެޓް ދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.