ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ މީހުންނަށް ގޯއްޗެއް ދެނީ

މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ މީހުންނަށް މާލެ ސަރަހައްދުން ގޯތި ދޫކުރަން ތައްޔާރުވަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

މާލޭގެ ގަލޮޅު ކަންމަތީގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާގައި ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ރައްޔިތުންގެ އިތުރުން މާލޭގައި ދިރިއުޅޭތާ އެތައް އަހަރެއްވީ ރައްޔިތުންނަށް އެ މީހުން މާލޭގައި ދިރިއުޅޭތީ އެ މީހުންގެ އަސްލު ރަށުންވެސް އަދި މާލެ އިން ވެސް ގޯތި ލިބުމަށް ދަތިވެފައިވާ ކަމަށެވެ. އެހެންވެ އެފަދަ މީހުންނަށް އަމާޒުކޮށްގެން ގޯއްޗާއި ފްލެޓް ލިބޭ ސްކީމެއްގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިއަދު އިރާދަކުރެއްވިއްޔާ މި ނިންމަނީ އަނެއްކާވެސް އާ ހައުސިން ސްކީމެއް ފެށްޓުމަށްޓަކައި. އޭގެތެރޭގައި މާލޭގައި ދިރިއުޅޭ އަޅުގަނޑުމެން މިކިޔާ ދަފްތަރުގައި ޖެހިފައިވާ 20 އަހަރަށް ވުރެ ގިނަ ދުވަހު ތިބި މީހުންނާއި އަދި މާލޭގައި 20 އަހަރަށް ވުރެ ގިނަ ދުވަހު އުޅޭކަން ކަށަވަރުކޮށްދޭން ހުރިހާ އެންމެންނަށް އިރާދަކުރެއްވިއްޔާ އެ ހައުސިން ސްކީމުގެ ތެރެއިން އަޅުގަނޑުމެން ފްލެޓާއި ގޯތި ދޫކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިސްކީމުގެ ސިޔާސަތު މިދިޔަ ދެތިން ދުވަހު އެކުލަވާލާފައިވާ ކަމަށެވެ. އެހެންކަމުން ދެން އޮތީ ސިޔާސަތު ފައިނަލް ކުރުމަށްފަހު އިއުލާންކުރުން ކަމަށްވެސް ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ މާލޭގައި ދިރިއުޅޭ މާލޭގެ ރަށްވެހިންނާއި، މާލެއަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.

މިސަރުކާރުން މާލޭގެ ރައްޔިތުންނަށް ދޫކުރަން ނިންމާފައިވާ ގޯތިތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ 19،842 މީހަކަށް ދޫކުރަން ނިންމާފައިވާ ގޯތިތައް ދޫކުރުމުގެ މަސައްކަތް ހިނގަމުންދާ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރާ ނިންމާފައިވާ ފްލެޓްތަކަށް ޝަރުތު ހަމަވާ 16،923 މީހަކަށް ވަރަށް އަވަހަށް އެ ފްލެޓްތައްވެސް ދޫކުރަން ފަށާނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރި ގޯތިތައް ހަދަން ބައެއް މީހުންނަށް ފައިސާ ލިބުމުގައި ދަތިކަން ހުރިކަން މާލޭގެ ރައްޔިތުންގެ އަރިހަށް ޒިޔާރަތް ކުރުމުން އެނގިވަޑައިގެންނެވި ކަމަށެވެ. އެކަމަށް ހައްލެއް ހޯދައިދިނުމަށްޓަކައި ހައުސިން ބޭންކެއް ވަރަށް އަވަހަށް ގާއިމުކޮށް ދިގު މުއްދަތުން އަގު އަދާކުރާ ގޮތަށް ލުއި ލޯނު ދޫކުރަން ފަށާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް މިރޭ ވަނީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ކަސްޓަމްސްގެ މުވައްޒަފުންގެ ފްލެޓްތަކުގެ ލިސްޓް ކަމާ ގުޅޭ ފަރާތްތަކާ ހަވާލުކުރައްވާފައިވާ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް ކަރެކްޝަންސް އާއި ގައުމީ ޔުނިވަސިޓީގެ ފްލެޓްތަކުގެ ލިސްޓް ވެސް ހަވާލުކުރައްވާނެ ކަމަށް ވިދާޅުވި އެެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި ކުލި ބޮޑު ކަމުން އެކަމުގެ ކަންބޮޑުވުންތަކެއް ލިބިފައިވާތީ އެ މައްސަލައަށް މިހާރު ވާނީ ހައްލު ހޯދާފައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އެގޮތުން ޑައުންޕޭޓްމަންޓް ކުޑަކޮށް، ކުލިވެސް ކުޑަކޮށްދީފައިވާނެ ކަމުގައި ވިދާޅުވި އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެމްޕީއެލް މުވައްޒަފުންނަށް ހަދައިދީފައިވާ ފްލެޓްތަކުގެ ޑައުންޕޭމަންޓާއި ކުލިވެސް ކުޑަކޮށްދިނުމަށް އެ މުވައްޒަފުން އެދިގެން އެކަންވެސް ވާނީ ހަމަޖައްސައިދީފައި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވަރަށް އަވަހަށް އެ މައުލޫމާތުތައް ލިބިގެންދާނެ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.