ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މާލޭ ރައްޔިތުންނަށް އަންގާރަ ދުވަހު ގޯތި ދޫކުރަން ފަށަނީ

ސަރުކާރުގެ ބިންވެރިޔާ ޕްރޮގްރާމްގެ ދަށުން މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯތިތައް އަންގާރަ ދުވަހު ދޫކުރަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި މިއަދު ނ. ކުޑަފަރިއަށް ވަޑައިގެން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މާލެއިން ގޯތި ދޫކުރުން އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށާއި އަންގާރަ ދުވަހު ގޯތިތައް ދޫކުރަން ފަށާނެ ކަމަށެވެ.

"ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ބަޔަކަށް، ކޮންމެވެސް އާއިލާއަކަށް ގޯތި ލިބެމުންދާ ތަން ތިބޭފުޅުންނަށް ފެންނަމުންދާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ސަރުކާރުން ހިންގާ ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދުނު މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދޭން ނިންމާ ލިސްޓު އާންމުކުރީ ޖޫން 26 ވަނަ ދުވަހު އެވެ.

ގޯއްޗަށް ހުޅުވާލުމުން 15،164 ފޯމު ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނެ އެވެ. މީގެ ތެރެއިން 19،875 މީހުން ޝަރުތު ފުރިހަމަވާއިރު، ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ހިމެނެނީ 10،314 މީހުންނެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.

ގުޅީފަޅާއި ގިރާވަރުފަޅު އަދި ހުޅުމާލެއިން ގޯތި ދޫކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ. މީގެ ތެރޭގައި ހުޅުމާލެއިން ދޫކުރާ 2،200 ގޯއްޗާއި ގުޅީފަޅުން ދޫކުރާ 2،000 އަށްވުރެ ގިނަ ގޯތި ހިމެނެ އެވެ.