ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓް ދޫކުރުމަށްޓަކައި ހިންގާ ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ އެންމެންނަށް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ފްލެޓް އަޅާ ހަވާލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ގދ. ނަޑެއްލާއަށް ވަޑައިގެން ރައީސް ސޯލިހު ވިދާޅުވީ މިއަދު އިއުލާނުކުރި ފްލެޓު ލިސްޓުގައި ޝަރުތު ހަމަވާ 13،000 އަށްވުރެ ގިނަ މީހުން ހިމެނޭ ކަމަށެވެ.
"އޭގަ ޝަރުތު ހަމަވާ 13،000 އަށްވުރެ ގިނަ މީހުން އެބަ ހިމެނޭ. އެއިން ކޮންމެ މީހަކަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި މާލެއިން ފްލެޓް އަޅައިދީ ހަވާލުކޮށްދޭނަން،" ރައީސް ސޯލިހު ވިދާޅުވި އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފައިވާއިރު ސްކީމަށް ޝަރުތު ހަމަވާ އެންމެންނަށް ފްލެޓް ދިނުމަށް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ލިސްޓު އާންމުކޮށް ޕްލޭނިން މިނިސްޓްރީން ބުނީ ދާއިމީ ލިސްޓް އިއުލާނު ކުރުމުގެ ކުރިން ވަގުތީ ލިސްޓްގައި ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ މީހުން ހުށަހަޅާފައިވާ ފޯމުގައި ދީފައިފައިވާ ދިރިއުޅުމުގެ ހާލަތާއިގުޅޭ މަޢުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރާނެ ކަމަށެވެ. ލިސްޓަށް ޝަކުވާ ހުށަހެޅުމުން މިއަދުން ފެށިގެން މިމަހުގެ 22 ވާ އަންގާރަ ދުވަހުގެ ރޭ 11:59 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.
މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދޫކުރާ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ ފްލެޓަށް 14،489 ފޯމު އަދި ދެ ކޮޓަރީގެ ފްލެޓަށް 6،208 ފޯމު ހުށަހަޅާފައިވެ އެވެ.
ހަދަމުންދާ ފްލެޓްތަކަކީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ތަރައްގީ ކުރަމުން ދާ ދެ ކޮޓަރި އަދި ތިން ކޮޓަރީގެ އެޕާޓްމެންޓްތައް ހިމެނޭ ފްލެޓްތަކެކެވެ. މީގެތެރެއިން ދެ ކޮޓަރި ހިމެނޭ އެޕާޓްމަންޓްގައި ހުންނާނީ 650 އަކަފޫޓުގެ 1،200 ހައުސިން ޔުނިޓާއި އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކުގައި ހުންނާނީ 900 އަކަފޫޓްގެ 2،800 ހައުސިން ޔުނިޓެވެ.
ހުޅުމާލޭގައި އިތުރު 4،000 ފްލެޓް އެޅުމަށްވެސް މިމަހުގެ ދެވަނަ އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް)އާ ހަވާލުކޮށްފައިވެ އެވެ. އެފްޑީސީ އިން ކުރިއަށް ގެންދާ މިމަޝްރޫއު ކޭޕީއައިއެލްއާ ހަވާލުކުރީ 37 މަސް ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. ނަަމަވެސް މި ފްލެޓްތަކަކީ ގެދޮރުވެރިޔާ ސްކީމުގައި ހިމެނޭ ފްލެޓްތަކެއް ކަމަކަށް ސަރުކާރުން އަދި ބުނެފައެއް ނުވެ އެވެ.