ބޯހިޔާވަހިކަން

ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އަޅަނީ

ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

މި ހައުސިން ޔުނިޓްތައް އިމާރާތްކުރަނީ ޑިޒައިން އެންޑް ބިލްޓް އުސޫލުންނެވެ.

މި މަޝްރޫއުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 260،000 ހުށަހަޅަން ޖެހެ އެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަހެވެ. ބިޑްތައް ހުޅުވުން އޮންނާނީ ފެބްރުއަރީ 14 ވަނަ ދުވަހު އެވެ.

ކުޑަހުވަދޫގައި ހައުސިން ޔުނިޓްތަކެއް އަޅަން ނިންމާފައިވާއިރު ފިނޭންސް މިނިސްޓްރީން ވަނީ ޏ. ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަދި ށ. ކޮމަންޑޫގައި 30 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން އާދިއްތަ ދުވަހު އިއުލާނުކޮށްފަ އެވެ.

ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމަށް ނިންމާ އެ މަޝްރޫއު ސަރުކާރުގެ ފަރާތުން އިއުލާން ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދެކަނބަލުން ފުވައްމުލަކަށް ވަޑައިގެން މާޗް 25، 2022ވަނަ ދުވަހުގެ ރޭ އެރަށުގެ ރައްޔިތުންނަށް ދެއްވި މާހެފުމެއްގަ އެވެ.

މާހެފުމުގައި ރައީސް ވިދާޅުވީ މިސަރުކާރުން ގެންގުޅޭ ބޯހިޔާވަހިކަމުގެ ޕްލޭންގެ ދަށުން ފުވައްމުލަކުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެ ސިޓީގައި އެޅުމަށް ހަމަޖެހިފައިވާ 200 ހައުސިން ޔުނިޓްގެ މަސައްކަތް އޮތީ ޓެންޑަރިން މަރުހަލާގައި ކަމަށެވެ. އެ ފްލެޓްތަކުގެ ތެރެއަށް އިތުރު 200 ފްލެޓް އިތުރުކޮށް ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އަޅާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ހައުސިން ޔުނިޓް އަޅާ ރަށްތަކާއި އަދަދު

  • ހދ. ކުޅުދުއްފުށި - 400 ހައުސިން ޔުނިޓް
  • ސ. ހިތަދޫ - 200 ހައުސިން ޔުނިޓް
  • ފުވައްމުލައް - 400 ހައުސިން ޔުނިޓް
  • ގދ. ތިނަދޫ - 200 ހައުސިން ޔުނިޓް
  • ޅ. ހިންނަވަރު - 100 ހައުސިން ޔުނިޓް
  • ލ. ގަން - 100 ހައުސިން ޔުނިޓް
  • ހއ. ދިއްދޫ - 75 ހައުސިން ޔުނިޓް
  • ސ. ފޭދޫ - 75 ހައުސިން ޔުނިޓް
  • ށ. މިލަންދޫ - 50 ހައުސިން ޔުނިޓް
  • ށ. ކޮމަންޑޫ - 30 ހައުސިން ޔުނިޓް
  • އއ. ރަސްދޫ - 50 ހައުސިން ޔުނިޓް
  • ގއ. ވިލިނގިލި - 50 ހައުސިން ޔުނިޓް
  • ނ. މަނަދޫ - 40 ހައުސިން ޔުނިޓް
  • ނ. ހޮޅުދޫ - 30 ހައުސިން ޔުނިޓް
  • ދ. ކުޑަހުވަދޫ - 50 ހައުސިން ޔުނިޓް

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ތެރެއިން މިދިޔަ އަހަރު ވަނީ ބައެއް ރަށްރަށުގައި ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފަ އެވެ. އޭގެ ތެރޭގައި ގދ. ތިނަދޫ އާއި ނ. މަނަދޫ އާއި ހއ. ދިއްދޫ އާއި ކުޅުދުއްފުށީގެ އިތުރުން ހިންނަވަރު ހިމެނެ އެވެ.