ރާއްޖޭގެ ތަރައްގީއަށް އެންމެ މުހިންމު ގައުމުތަކާއި ގުޅުން އުފެއްދީ ކުރީ ސަރުކާރުން ކަމަށް އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް ޔާމީން މިހެން ވިދާޅުވީ އެމަނިކުފާނުގެ ފިކުރަށް އިސްކޮށް ދީފައި އޮންނަ ޗެނަލް13 ގެ ޕްރަގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ކުރީ ސަރުކާރުގެ ދުވަސްވަރު ގައުމުތަކާއި އޮތް ގުޅުންތައް ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ޔާމީން ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރު އޮތީ ދުނިޔެއާ ވަރަށް ބޮޑަށް އެކަހެރިވެފައި ކަމަށް އޭރުގެ އިދިކޮޅު ލީޑަރުން ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ. އެމަނިކުފާނު އިސްކަން ދެއްވީ ރާއްޖެއަށް މުހިންމު ގައުމުތަކާއި ގުޅުން ބަދަހި ކުރެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
އެކަމުގެ މިސާލެއް ދައްކަވާ ރައީސް ޔާމީން ވިދާޅުވީ ސައުދިއަރަބިއްޔާ އަދި އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯއައިސީއާ އެންމެ ރަނގަޅު ގުޅުމެއް އޮތީ އެމަނިކުފާނުގެ ސަރުކާރު އޮތް ދުވަސްވަރު ކަމަށެވެ.
"ކިތަންމެ ވަރަކަށް ރައީސް ޔާމީން ސަރުކާރުގައި ދުނިޔެއާ އެކަހެރިވެފައި އޮތީ ބުންޏަސް ދުނިޔޭގައި ރާއްޖޭގެ ތަރައްގީއަށް މެޓާވާ ހުރިހާ ގައުމުތަކަކާ އަޅުގަނޑުމެންގެ ސަރުކާރަށް ވުރެ ބޮޑު ގުޅުމެއް އުފެއްދި ބަޔަކު ނޫޅޭނެ. އަޅުގަނޑުމެންނަށް ވަކިވަކި އެހީދޭ ބައިނަލްއަގްވާމީ ގައުމުތަކަށް ބަލަންޏާ އަޅުގަނޑުމެންނަކީ އިސްލާމީ ދައުލަތެއް، އޯއައިސީއާ އޮތް ގުޅުން މިއަށްވުރެ ބަދަހިވެގެންދިޔަ ދުވަސްތަކެއް ނުދޭ އިނގޭތޯ. މިކަން އޮތް ހިސާބު ބައްލަވާ. ސައުދީން ސަރުކާރުން އަޅުގަނޑުމެންނަށް އޮފާ ކުރެއްވި ދެންނެވި ތިމަންނާމެން ހަމަޖައްސައިދޭނަމޭ އަރަބި ލީގުގެ ގައުމަކަށް ރާއްޖެ ހަމަޖައްސައިދޭނަމޭ،" ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމެރިކާ އާއި ޔޫރަޕްގެ ބައެއް ގައުމުތަކާއި އޮތީ ރަނގަޅު ހަރުދަނާ ގުޅުމެއް ނޫން ކަމަށެވެ. ނަމަވެސް އެ ގައުމުތަކާ އެންމެ ރަނގަޅު ގުޅުމެއް ނުބޭއްވުނީ ސަބަބުތަކެއް ހުރުމުން ކަމަށް ވިދާޅުވިއެވެ. ޔޫރަޕްގެ ޑިމާންޑަކީ ރާއްޖޭގައި އެހެން ދީންތަކަށް ފުރުސަތު ފަހިކުރުމާއި މަރުގެ ހުކުމް ތަންފީޒު ނުކުރުން ފަދަ ކަންކަން ކަމަށާ ނަމަވެސް އެއީ ދޫދެެވެން ހުރި ކަންކަން ނޫން ކަމަށެވެ.
"ޔޫރަޕްގެ ގައުމުތަކާއި އަޅުގަނޑުމެންނާ އެހާ ގުޅުން ރަނގަޅެއް ނޫން. ދެން އެމެރިކާގަވެސް ހުރި ކަންބޮޑުވުންތަކެއް. އެކަމަކު މި ތަންތަނަކީ ސީދާ ބޮޑެތި އެހީ ލިބޭ ތަންތަނެއް ނޫން. މި ތަންތަނަކީ ޑިމޮކްރަސީގެ ނިޒާމު ފުރިހަމަ ކުރުމާއި އެތަންތަނުގައި ހުންނަ ލިބަރަލް ވެލިއުސް މިތަންތަނުގައި ހުންނަން ވާނެ ކަމަށް ވަކާލާތު ކުރުމާއި މިހެން ހުންނަ ކަންކަމަށް ވަކާލާތު ކުރާ ބައެއް. މަނީ ޓޯކްސް މަނީ މެޓާސް ދެއްތޯ. އެހެންވީމަ ފައިސާ ހޯދައިގެން ރާއްޖެ ތަރައްގީ ކުރާ ކަމަށްވަނީވިއްޏާ ރާއްޖެއަށް އޮތީ ފައިސާ ލިބޭ ގައުމުތަކާއި ގުޅުން ބަދަހިކޮށް ކުރިއަށް ގެންދިއުން. އަޅުގަނޑުމެން ބޮޑެތި ހުރިހާ ކަމަކަށް އޭރު ފައިސާ ހޯދީ ޗައިނާއިން. އަދި ފައިސާ ހޯދާފައި އެ ހުރީ ވަރަށް އަގު ހެޔޮކޮށް،"
ރައީސް ޔާމީން ވަނީ މި ސަރުކާރުން ބައިނަލްއަގްވާމީ ދުނިޔެއާ އިތުރަށް ގުޅުނީ ކިހިނެތްތޯވެސް ސުވާލު ކުރައްވާފައެވެ. އަދި ބައެއް ގުޅުންތައް އޮތީ ނަމެއްގައި ކަމަށް ވިދާޅުވިއެވެ. އެ ގުޅުންތަކުން ރާއްޖެ އާއި ދިވެހިންނަށް އޮތް ފައިދާއަކީ ކޮބައިތޯވެސް ސުވާލު ކުރެއްވިއެވެ.
އަޅުގަނޑު ބުނާނަން މި ސަރުކާރުގެ ހާރިޖީ ސިޔާސަތު އެހާ ރަނގަޅު ކަމަށް ވަންޏާ އެމެރިކާއަށް ނުވަތަ ޔޫރަޕަށް ވަޑައިގެން ބްރިޖް އަޅަން ފައިސާ ހިފައިގެން ވަޑައިގަންނަވާ. އެހިސާބުން އަޅުގަނޑުވެސް ގަބޫލުކުރާނަން ދުނިޔެއާ އެ އޮތީ ވަރަށް ބޮޑަށް ގުޅިފައި ކަމަށްއަބްދުﷲ ޔާމީން އަބްދުލްގައްޔޫމް | ކުރީގެ ރައީސް
ރައީސް ޔާމީން ރޭ ވެސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ގޯސް ނޫން ކަމަށެވެ. އިސްކަން ދެއްވީ ރާއްޖެއަށް އެންމެ ފައިދާ ހުރި ގޮތަކަށް ގައުމުގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމަށް ކަމަށެވެ. އަދި އެކަން ކުރެއްވެވި ކަމަށްވެސް ވިދާޅުވިއެވެ.
މި ސަރުކާރުން ގައުމުތަކާއި ގުޅުން ބާއްވަމުން ގެންދަނީ ރަނގަޅަށް ނޫން ކަމަށާ ބައެއް ގައުމުތަކާއި އޮތީ ހަމަހަމަ ކަމެއް ނެތް ވަކި ކޮޅަކަށް ބުރަވެފައިވާ ގުޅުމެއް ކަމަށްވެސް ވިދާޅުވިއެވެ.