މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އަބޫދާބީ ފަންޑް ފޯ ޑިވެވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ދީފި އެވެ.
ދިވެހި ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޭޑީއެފްޑީގެ ޑިރެކްޓަރާ ޖެނަރަލް މުހައްމަދު ސާއިފް އަލް ސުވައިދާއާ ބައްދަލުކުރެއްވުމަށްފަހު އެވެ.
ޔޫއޭއީ ގައި މިވަގުތު ހުންނެވި މިނިސްޓަރު ޝާހިދު ވިދާޅުވީ މާފަރުގެ އެއާޕޯޓްގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން އޭޑީއެފްޑީގެ ފަރާތުން ދީފައިވާ ކަމަށެވެ.
އަބޫދާބީ ފަންޑަކީ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކުގައި ވަރަށް ބޮޑަށް އެހީތެރިވާ ފަރާތަކަށް ވާތީ އެކަން ފާހަގަކުރައްވާ މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
އާބާދީގައި 1،260 މީހުން ދިރިއުޅޭ މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް އޭގެ ކުރިންވެސް މި އެއާޕޯޓު ތަރައްގީކުރަން އެކި ސަރުކާރުތަކުން އެކި ފެންވަރުގައި މަސައްކަތް ކޮށްފައިވެ އެވެ. މާފަރުގައި އެއާޕޯޓެއް އެޅުމަށް 2007 ވަނަ އަހަރުން ފެށިގެން ކުރަމުން ދިޔަ މަސައްކަތް 11 ވަރަކަށް އަހަރު ފަހުން ހަގީގަތަކަށް ހަދައިދިނީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ. ނަމަވެސް މި އެއާޕޯޓަށް ފްލައިޓްތައް ޖައްސާ، އޮޕަރޭޝަން ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ.
މާފަރުގައި އެއާޕޯޓެއް އަޅާނެކަން ފުރަތަމަ އިއުލާނު ކުރެއްވީ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާފަރުގައި އެއާޕޯޓު އަޅަން ދެ ކުންފުންޏަކާ ހަވާލުކޮށް އެއާޕޯޓް އެއްކޮށް ތަރައްގީކޮށް ނިންމައިދިނީ ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ.
އެއާޕޯޓަށް ފަންޑުކޮށްފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެއް ހިމެނޭ ގޮތަށެވެ.