ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މާފަރު އެއާޕޯޓް މަސައްކަތް މިއަހަރު ފަށާނެ: ރައީސް

Jan 4, 2022

ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ބޮޑުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިއަހަރު ފެށިގެންދާނެ ކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހް މިހާރު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މާފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ސޯލިހް ވިދާޅުވި މާފަރު އެއާޕޯޓް ބޮޑުކުރުމާ އެކު އެތަން ތަރައްގީކޮށް އެއާޕޯޓުގައި އިތުރު ހިދުމަތްތައް ގާއިމުކުރަން ޖެހޭ ކަމަށެވެ. އެއާޕޯޓުގައި ހިދުމަތް ދިނުމަށް ހުރި ދަތިތައް ބަލައި އެ މައްސަލަތައް ހައްލުކުރުމަށް ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ މާފަރު އެއާޕޯޓް ހުޅުވާ ހިދުމަތް ދިނުމާއެކު ނ. އަތޮޅާ މުޅި އެ ސަރަހައްދުގެ ރައްޔިތުންނަށް އެތައް ފަސޭހަތަކެއް ލިބިގެންދިޔަ ކަމަށެވެ. އެކަމަކު މާފަރު އެއާޕޯޓްގެ ރަންވޭ އާއި އެއާޕޯޓުގެ ޓާމިނަލްގެ ޖާގަ ބޮޑު ކުރަންޖެހޭތީ މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. އެ މަސައްކަތް ފެށުން ލަސްވީ ބިޑް މަރުހަލާގައި މައްސަލަތަކެއް ދިމާވެގެން ކަމަށްވެސް ވިދާޅުވި އެވެ.

މާފަރު އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމިގެންދާއިރު އެ އެއާޕޯޓުން ބޯޓުތަކަށް ތެޔޮ އެޅޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި މަސައްކަތްތައް އެއްކޮށް ނިމިގެންދާއިރު އެއާޕޯޓުގައި ޓޫރިސްޓް ހޮޓަލެއް ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ. ހޮޓަލުގެ މަސައްކަތް ކުރާނީ އައިލެންޑް އޭވިއޭޝަނުންނެވެ.

"މި މަޝްރޫއު ނިމުމުން ވަޒީފާގެ އިތުރު ފުރުސަތުތަކެއް ވެސް ހުޅުވިގެންވެސް ދާނެ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މާފަރަކީ މިހާރު ކޮންމެ ދުވަހަކު ވެސް ގިނަ ބަޔަކު ޒިޔާރަތްކުރާ ރަށަކަށް ވާތީ މާފަރުގެ ސިއްހީ މަރުކަޒުގައި ހުރި މައްސަލަތައް ހައްލުކޮށްދިނުމުގެ މަސައްކަތް މިއަހަރު ފަށާ، އެތަން ހޮސްޕިޓަލަކަށް ބަދަލުކުރުން ކުރިއަށްދާނެ ކަމަށެވެ. ސިއްހީ މަރުކަޒުން ހިދުމަތް ދޭ ވަގުތު 16 ގަޑިއިރަށް އިތުރުކުރުމުގެ މަސައްކަތް މިހާރު ހިނގަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.

މާފަރު ރައްޔިތުން ވަނީ އެ ރަށު ސްކޫލުގައި ހުރި މައްސަލަތަކާއި ބިމުގެ މައްސަލައާއި ބަނދަރު ބޭނުންކުުރުމުގައި ހުރި ދަތިތައް ރައީސް ސޯލިހުގެ ސަމާލުކަމަށް ގެނެސްފަ އެވެ.