ފޮރިން މިނިސްޓްރީ

އިންޑިއާއާމެދު ނަފްރަތު އުފައްދަނީ މަދު ބައެއް: ސަރުކާރު

ރާއްޖެ-އިންޑިއާ ގުޅުމާމެދު ދޮގު ވާހަކަތައް ފަތުރާ ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުން ދަނީ މަދު ބައެއް ކަމަށާ އެ މީހުންވެސް އެކަން ކުރަނީ ސިޔާސީ ބައެއްގެ ވިސްނުމުގައި ޖެހިގެން ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

ސަރުކާރުން މިހެން ބުނެފައިވަނީ އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ފެއްޓެވި "އިންޑިއާ އައުޓް" ކެންޕެއިން ވަރުގަދަކޮށް ވަރަށް ބޮޑަށް ފުޅާކޮށްފައިވާތީ އެ ހަރަކާތަކަށް ރައްދު ދީ އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައެވެ.

ސަރުކާރުގެ ބަޔާނުގައި ރާއްޖެ އާއި އެހެން ގައުމުތަކާއި އޮންނަ ގުޅުންތަކާމެދު ދޮގު ވާހަކަތައް ފަތުރަމުން ދިއުމަކީ އެކަމުގެ ސަބަބުން ގައުމުތަކާއި އޮންނަން ޖެހޭ ބަދަހި ގުޅުންތަކަށް ހީނަރުކަން އަންނާނެ ކަމެއް ކަމަށެވެ. އަދި އެއީ އެ ގައުމުތަކުގައި ދިރިއުޅޭ އަދި އެކި ބޭނުންތަކަށް ގޮސް އުޅޭ ދިވެހީންނަށް އެެެކަމުގެ ސަބަބުން ގެއްލުންވާނެ ކަންކަން ކަމަށެވެ.

ރާއްޖެ-އިންޑިއާ ގުޅުމާމެދު ދޮގު ވާހަކަތައް ފަތުރާ ނަފުރަތު އުފެއްދުމަށް މަސައްކަތް ކުރަމުން ދަނީ މަދު ބައެއް ކަމަށާ އެ މީހުންވެސް އެކަން ކުރަނީ ސިޔާސީ ބައެއްގެ ވިސްނުމުގައި ޖެހިގެން ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެފަދަ ކަންކަން ނުކުރުމަށް ސިޔާސީ ޕާޓީތަކާއި ލީޑަރުންނަށް ވަނީ ގޮވާލާފައެވެ.

ސަރުކާރުން ވަނީ ރާއްޖެއިން ކޮންމެ ގައުމަކާވެސް ބާއްވަމުން ދަނީ ހަމަހަމަ ގުޅުންތަކެއް ކަމަށް ބުނެފައެެވެ. އަދި އެއްވެސް ގައުމަކާއި ރާއްޖެ ބާއްވާ ގުޅުމެއްގެ ސަބަބުން ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލަށް ނުރައްކަލެއް ނެތް ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ. އަދި ކޮންމެ ގުޅުމަކީވެސް ދިވެހީންގެ ފައިދާ އާއި ލާބައަށް ވިސްނާ ދަމަހައްޓަމުންދާ ގުޅުންތަކެއް ކަމަށް ބުނެފައިވެއެވެ.

އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ޕީޕީއެމް އާއި ޕީއެންސީން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެންޕެއިން ވަރުގަދަ ވެފައިވަނީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ޖަލު ހުކުމުން މިނިވަންވެވަޑައިގަތުމުންނެވެ. ރައީސް ޔާމީން ވަނީ އެ ހަރަކާތް ވަރަށް ބޮޑަށް ފުޅާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެ މަސައްކަތުގައި އަމަލީ ގޮތުންވެސް އެންމެ އިސް ދައުރެއް އަދާކުރައްވަނީ އެމަނިކުފާނެވެ.

ހަފުތާ ބަންދާ ދިމާކޮށް ރައީސް ޔާމީން ކ. އަތޮޅުގެ ދެ ރަށަކަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާއި ދެކޮޅަށް އެ ދެ ރަށުގައި ވަނީ ހިނގާލުންތަކެއް ބާއްވާފަ އެވެ. ތުލުސްދޫ އާއި ގުރައިދޫއަށް ރައީސް ޔާމީން ވަޑައިގެންނެވީ ރަތްކުލައިގެ "އިންޑިއާ އައުޓް" ކެންޕެއިން ޖަހާފައިވާ ޓީޝާޓެއް ތުރުކުރައްވައިގެނެވެ.

އެކަންވީ ސަރުކާރުގެ އިތުރުން ރައީސް ޔާމީނާ ވާދަވެރި ފަރާތްތަކުގެ ފާޑުވިދާޅުވުން އެމަނިކުފާނަށް އަމާޒުވީ ކަމަކަށެވެ.