ރައީސް އަބްދުﷲ ޔާމީން

"ހައްގުތަކަށް އަރައިގަތުމުން ހައްގު ބަސް ބުނާނެ"

އަވައްޓެރި ގައުމެއް ނަމަވެސް ދިވެހީންގެ ހައްގުތަކަށް އަރައިގަންނަނަމަ ހައްގު ބަސް ވިދާޅުވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ދިވެހީންގެ އަވައްޓެރި ގައުމުތަކާ ދިމާކޮށްލާ ހިތުހުރި އެއްޗެއް ގޮވާ ހެދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވި ވިދާޅުވުމަށް އިޝާރާތް ކުރައްވައެވެ. ޝާހިދު އެ މޭރުމުން ވާހަކަ ދެއްްކެވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ ފުޅާކޮށްފައިވާ "އިންޑިއާ އައުޓް" ކެންޕެއިނަށް އިޝާރާތް ކުރައްވައެވެ. އެ ކެންޕެއިނަކީ ރައީސް ޔާމީންގެ އިރުޝާދަށް ފެއްޓެވި ކެންޕެއިނެކެވެ. މިނިވަންވެވަޑައިގަތް ފަހުން އެމަނިކުފާނު ގެންދަވަނީ އެ ކެމްްޕެއިން ވަރުގަދަކޮށް ފުޅާކުރެއްވުމަށް އަތޮޅުތެރޭގެ ރަށްރަށަށް ދަތުރުކުރައްވަމުންނެވެ.

ޝާހިދުގެ ނަން ވިދާޅުނުވެ އެމަނިކުފާނަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ދިވެހިރާއްޖެއާ ދޭތެރޭ ކުލުނެއް ނެތި އަދި ހަމްދަރުދީއެއް ނެތި ކަންތައްތައް ހިނގާނަމަ ދިވެހި ގައުމީ ލޭ ހިނގާ ކޮންމެ މީހަކު ދިވެހިރާއްޖޭގެ ހައްގުގައި ވާހަކަ ދައްކާނެ ކަމަށެވެ. އަދި އެއީ އަވައްޓެރި ގައުމެއް ނަމަވެސް ދިވެހީންގެ ހައްގުތަކަށް އަރައިގަންނަނަމަ ހައްގު ބަސް ވިދާޅުވާނެ ކަމަށެވެ.

"އެހެން ބޭފުޅުން ވިދާޅުވަނީ އަވައްޓެރި ގައުމުތަކާ ދިމާއަށް ހިތުހުރި އެއްޗެއް ކިއުމަކީ ރަނގަޅު ކަމެއް ނޫނޭ. ކިޔާނެ. ދިވެހިރާއްޖެއާ ދޭތެރޭ ކުލުނެއް ނެތި ދިވެހިރާއްޖެއާ ދޭތެރޭ ހަމްދަރުދީއެއް ނެތި ކަންތައްތައް ހިނގާ ކަމަށް ވަނީވިއްޔާ ދިވެހި ގައުމީ ލޭ ހިނގާ ކޮންމެ މީހަކު ދިވެހިރާއްޖޭގެ ހައްގުގައި ވާހަކަ ދައްކާނެ. އެއީ ދިވެހިރާއްޖެ ދިފާއު ކުރާނީ ދިވެހިން. އެހެންވީމަ އަޅުގަނޑުމެންގެ ހައްގުތަކަށް އަރައިގަންނަ އަވައްޓެރިންނާ ދޭތެރޭގައި އަޅުގަނޑުމެން ބުނަން ޖެހޭ ހައްގު ބަސް ބުނާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ކެންޕެއިނާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޝާހިދު ވިދާޅުވީ ދިވެހީންގެ ފޮރިން ޕޮލިސީ ހަލަބޮލިކޮށްލަން ކުރާ މަސައްކަތުން ދިގު މުއްދަތަކަށް ގެއްލުންވާނީ އާންމު ރައްޔިތުންނަށް ކަމަށެވެ. އަދި އިންޑިއާއަކީ ދިވެހީންނަށް ހެޔޮ އެދޭ ގައުމެއް ކަމަށާ މިހާތަނަށް ދިމާވި ކޮންމެ ކަމެއްގައި އިންޑިއާގެ އެހީތެރިކަން ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމުތަކާ އަޅުގަނޑުމެންނާއި ޒަމާންވީ އެކުވެރި ގުޅުމެއް އޮންނަ ގައުމުތަކާ އަޅުގަނޑުމެންގެ އަވަށްޓެރިންނާ ދިމާކޮށް ހިތު ހުރިހާ އެއްޗެއް ގޮވާ ބަހުގެ ހަމަލާތައް ދިނުން އެއީ ވަރަށް ތިލަ ވިސްނުމަކުން ކުރެވޭ ކަންކަން. އެއީ ކުރާ ޒާތުގެ ކަންކަމެއް ނޫން،" ޝާހިދު ވިދާޅުވިއެވެ.