ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާގެ ހާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް އިންޑިއާގެ މިނިސްޓަރު އޮފް އެކްސްޓާނަލް އެފެއާޒް ޑރ ސުބްރަމާނިއަމް ޖައިޝަންކަރު މިރޭ ދިވެހިރާއްޖެ ވަޑައިގެންފި އެވެ.

އައްޑު ގަމުގެ އިންޓަނޭޝަނަލް އެއާޕޯޓުން މިނިސްޓަރު ޖައިޝަންކަރަށް މަރުހަބާ ވިދާޅުވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ އެކި ދާއިރާތަކުގެ މެމްބަރުންނާއި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންނެވެ.

އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ ޖައިޝަންކަރުގެ މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުއާއެކު މަޝްވަރާތައް ބާއްވަވައި އިންޑިއާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްދާ މަސައްކަތްތަކާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާ ކުރައްވާނެއެވެ. އަދި ދެ ގައުމުން އިސްކަންދޭ އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރުމާއި ބައިނަލްއަގްވާމީ މަސްރަހުގައި ހިނގަމުންދާ ދެ ގައުމާއި ގުޅުން ހުރި އެކި ކަންކަމާ ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާނެ އެވެ.

މަޝްވަރާ ތަކަށް ފަހު ރާއްޖޭގެ ހަޔާ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު ގާއިމްކުރެވޭ އެއްބަސްވުމުގައި ސޮއިކުރެވޭ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ދެ ވަޒީރުން މި ނެޓްވޯކް ލޯންޗް ކޮށްދެއްވާނެއެވެ.

މީގެ އިތުރުން ދެ ގައުމުގެ ވެކްސިނޭޝަން ސެޓްފިކެޓްތައް އަނެއް ގައުމުގައި ބޭނުން ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމާ ބެހޭ އެއްބަސްވުމުގައިވެސް މި ދަތުރުފުޅުގައި ސޮއިކުރެވޭނެއެވެ.

އެކްސްޓާނަލް އެފެއަރޒް މިނިސްޓަރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެހީގައި އައްޑޫގައި ގާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަންނަވާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އައްޑޫ ސިޓީގެ ހުޅުމީދޫގައި އިންޑިއާ ސަރުކާރުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސްކީމްގެ އެހީގައި ގާއިމްކޮށްފައިވާ ރީހެބިލިޓޭޝަން ސެންޓަރާއި ޓޫރިޒަމް ޒޯން ހުޅުވުމުގެ ރަސްމިއްޔާތުގަ އާއި އިންޑިއާގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ހިންގާ އައްޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަޝްރޫއު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތާއި އައްޑުގެ ބިން ހިއްކުމުގެ މަޝްރޫއު ކޮންޓްރެކްޓަރާއި ހަވާލުކުރުމުގެ ރަސްމިއްޔާތުގައިވެސް ޑރ ޖައިޝަންކަރު މާދަމާ ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި އެކްސްޕޭންޑަޑް ކޯސްޓަލް ރޭޑާ ސިސްޓަމްވެސް އިފްތިތާހު ކޮށްދެއްވާނެއެވެ.

މިއީ ޑރ. ޖައިޝަންކަރު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ހައިސިއްޔަތުން ދިވެހިރާއްޖެއަށް ކުރައްވާ ތިން ވަނަ ދަތުރުފުޅެވެ. އަދި އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ޑރ ޖައިޝަންކަރު އެންމެ ފަހުން ރާއްޖެއަށް ވަޑައިގެންފައިވަނީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.