ދެން އުފެދޭ ޕީޕީއެމްގެ ވެރިކަމެއްގައި އިންޑިއާއާއެކު ރާއްޖެއިން ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ބާތިލުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ފާދިއްޕޮޅު ނައިފަރުގައި މިއަދު ހަވީރު އޮތް "އިންޑިއާ އައުޓް" ހަރަކާތުގަައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީން ވިދާޅުވީ ރާއްޖެ އާއި އިންޑިއާގައި އޮތް ސަރުކާރުން ދިވެހި ރައްޔިތުންނަށް އިންތިހާ ހިތްދަތިކަން ދީފައިވާ ކަމަށެވެ. އެފަދަ ބަޔަކާއެކު ކުރަން ޖެހޭ އެއްބަސްވުމެއް ނޯންނާނެ ކަމަށެވެ. ޔާމީން މިއަދު ވިދާޅުވީ އިންޑިއާއާއެކު އޮތް ހުރިހާ އެގްރީމަންޓެއް ބާތިލުކުރައްވާނެ ކަމަށެވެ. އެއީ ފަންނީ އަދި ސަގާފީ އެއްބަސްވުމެއް ނަމަވެސް އެފަދަ ބަޔަކާއެކު ދިވެހީން އެއްބަސްވުމެއް ހަދައިގެން ތިބެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ދެން ބަލާކަށް ބޭނުމެއް ނޫން އަޅުގަނޑުމެންނަށް ގެއްލުން ވަނީ ކޮންއެއްޗެއްތޯ. ހުރިހާ އެގްރީމަންޓެއް ބާތިލު ކުރާނަން. ހަމަ ހުރިހާ އެގްރީމަންޓެއް ބާތިލު ކުރާނަން. އެއީ އެއްވެސް އެގްރީމަންޓެއް އެ މީހުންނާއެކު ކުރިއަށްދާކަށް އަހަރެމެން ބޭނުމެއް ނޫން. އެއީ ދިވެހިރާއްޖެއަށް މިހާ ހިތްދަތިކަން ގެނެސް ދިވެހިރާއްޖޭގެ އެތެރޭގެ ހިންގުމާއި ބޭރުގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރުމާއި މަގާމުތަކަށް އަންނަންވާ މީހުންނާއި ދިވެހީންގެ ހާލަތު އޮންނަންވާނެ ގޮތާއި މި ހުރިހާ ކަމެއްގައި ފަހުބަސް ބުނާ ބަޔަކަށް އިންޑިއާ މީހުން ބޭނުންވީމަ އެއީ 'ފުރުއްޕާ' ކަމެއް ނޫނޭ އަބަދުވެސް އަޅުގަނޑުމެން މި ދަނީ ބުނަމުން. އެހެންވީމަ އެ ސަބަބަށްޓަކަައި ސަގާފީ އެއްބަސްވުމެއް އޮތަސް ޖެހޭނީ ބާތިލުވާން،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އިންޑިއާއެކު އެއްބަސްވުމެއް ހަދަައިގެން ދިވެހީން ތިބެން އެ ގައުމުގެ އެއްވެސް އިހްލާސްތެރިކަމެއް ނެތް ކަަމަށެވެ.
އަޅުގަނޑުމެންގެ ސަރުކާރެއްގައި ދެން ބަލާކަށް ބޭނުމެއް ނޫން އަޅުގަނޑުމެންނަށް ގެއްލުން ވަނީ ކޮންއެއްޗެއްތޯ. ހުރިހާ އެގްރީމަންޓެއް ބާތިލު ކުރާނަން. ހަމަ ހުރިހާ އެގްރީމަންޓެއް ބާތިލު ކުރާނަން. އެއީ އެއްވެސް އެގްރީމަންޓެއް އެ މީހުންނާއެކު ކުރިއަށްދާކަށް އަހަރެމެން ބޭނުމެއް ނޫން. އެއީ ދިވެހިރާއްޖެއަށް މިހާ ހިތްދަތިކަން ގެނެސް ދިވެހިރާއްޖޭގެ އެތެރޭގެ ހިންގުމާއި ބޭރުގެ ހާރިޖީ ސިޔާސަތު ކޮންޓްރޯލް ކުރުމާއި މަގާމުތަކަށް އަންނަންވާ މީހުންނާއި ދިވެހީންގެ ހާލަތު އޮންނަންވާނެ ގޮތާއި މި ހުރިހާ ކަމެއްގައި ފަހުބަސް ބުނާ ބަޔަކަށް އިންޑިއާ މީހުން ބޭނުންވީމަ އެއީ 'ފުރުއްޕާ' ކަމެއް ނޫނޭ އަބަދުވެސް އަޅުގަނޑުމެން މި ދަނީ ބުނަމުން. އެހެންވީމަ އެ ސަބަބަށްޓަކަައި ސަގާފީ އެއްބަސްވުމެއް އޮތަސް ޖެހޭނީ ބާތިލުވާންއަބްދުﷲ ޔާމީން އަބްދުގައްޔޫމް | ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު
ދިވެހި ސަރުކާރުގެ ވެރީންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގައި ތިބީ އިންޑިއާގެ "އަޅުން" ތަކެއް ކަމަށެވެ. އެކަން އެހެންވީ އެމަނިކުފާނުގެ ވެރިކަން ބަދަލު ކުރަން ހުރިހާ ހަރަދެއް ކުރީ އިންޑިއާ ސަރުކާރުން ކަމަށްވުމުން ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން މިއަދުވެސް ވިދާޅުވީ ރާއްޖެ-އިންޑިއާ އިން ހަދާފައިވާ އެއްބަސްވުމުގެ ތެރެއިން އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުތަކަށް ސަރުކާރުގެ އެއްވެސް ހުއްދައެއް ނެތި މިހާރު ރާއްޖެ ސަރަހައްދަށް ވަދެވޭނެ ކަމަށެވެ. ދިވެހި ސަރުކާރަށް ހަމައެެކަނި އިންޑިއާގެ އުޅަނދެއް ރާއްޖެ އަންނަކަން އަންގާލުމުން ފުދޭ ގޮތަށް އެއްބަސްވުން ހަދާފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ޑިފެންސް މިނިސްޓްރީން އެ ވާހަކަތައް ދޮގުކޮށް ނެރެފައިވާ ބަޔާނަކީ ސިޔާސީ ބަޔާނެއް ކަަމަށް ވިދާޅުވިއެވެ.
އަދި ވިދާޅުވީ އެމަނިކުފާނު ދައްކަވާ ވާހަކަފުޅު ދޮގުކުރައްވަން ސިފައިންގެ ޖެނެރަލުންނަށް ކެރިވަޑައިނުގަންނަވާނެ ކަމަށެވެ. ކެރިވަޑައިގަންނަވާނަމަ ނޫސްވެރިންނާއި ބައްދަލުކޮށް ނޫސްވެރިންގެ ހުރިހާ ސުވާލުތަކަށް ސާފު ބަހުން ޖަވާބު ދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
"އަދިވެސް އެ އިބާރާތް އޮތީ އިންފޯމް [އަންގާލަން] ކުރަން ޖެހޭ ގޮތަށް ހުއްދަ ހޯއްދަން ޖެހޭ ގޮތަކަށް ނޫން. ކިހިނެތް ހުއްދަ ނަގާނީ. ވެރީންނަށް މި ތިބީ އިންޑިއާ މީހުން. މިއަދު އިންޑިއާ މީހުން ކަމެއް ކުރަންވީމަ އޭގެ ދަށުން ތިބޭ ބައެއް ކައިރީން ހުއްދަ ނަގާނެތަ. މީ ބޯގޯސް ވާހަކަ ދޯ މި ދައްކަނީ،" ޔާމީން ވިދާޅުވިއެވެ.