ރައީސް އަބްދުﷲ ޔާމީން

ގާނޫނު ފާސްކުރިޔަސް "އިންޑިއާ އައުޓް" ނުހުއްޓުވޭނެ: ޔާމީން

ރާއްޖޭގައި ތިބި އަވައްޓެރި އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ގޮވާލާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވާ ފުޅާކޮށް ވަރުގަދަކޮށްފައިވާ "އިންޑިއާ އައުޓް" ކެމްޕެއިން ނުހުއްޓުވޭނެ ކަމަށް އެމަނިކުފާނު މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅުގެ ވާހަކަތަކަށް އިސްކަން ދީފައި އޮންނަ ޗެނަލް-13 އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ރައީސް ޔާމީން ވަނީ ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ބިލެއް ޑްރާފްޓް ކޮށްފައިވާތީ އެކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ މަޖިލީހުގައި އެމްޑީޕީގެ މެޖޯރިޓީ އޮތުމުން ގާނޫނެއް ފާސްކުރެވިދާނެ ކަމަށާ ނަމަވެސް ގާނޫނެއް ފާސްކޮށްގެން "އިންޑިއާ އައުޓް" ހަރަކާތް ނުހުއްޓުވޭނެ ކަމަށެވެ. މިހާތަނަށްވެސް އެ ހަރަކާތް ހުއްޓުވަން ސަރުކާރުން ކުރި މަސައްކަތް ކާމިޔާބު ވެފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ.

އެފަދަ ގާނޫނެއް ފާސްކޮށްފިނަމަ އެ ގާނޫނެއް ވާނީ ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ. އަދި އެފަދަ ގާނޫނެއް ފާސްކޮށްފިނަމަ އެ މައްސަލަ ކޯޓަށް ހުށައަޅުއްވައިގެން ނިންމަވާ ގޮތެއް ދެކެވަޑައިގަންނަވަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

"ގާނޫނެއް ފާސްކުރެވިދާނެ އިނގޭތޯ. އެކަމަކު މިކަމެއް ނުހުއްޓުވޭނެ. އެއީ އަޅުގަނޑުމެންނަށް އޮތް އަސާސީ ހައްގެއް ދެއްތޯ،" ޔާމީން ވިދާޅުވިއެވެ.

"އިންޑިއާ އައުޓް" ކެމްޕެއިނަކީ ގައުމީ ސަލާމަތަށް ނުރައްކާ ކެންޕެއިނެއް ކަމަށް ސަރުކާރުން ބުނާތީ އެކަމަށްވެސް ރައީސް ޔާމީން ރައްދު ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ އެ ކެމްޕެއިނުން ގައުމީ ސަލާމަތަށް ނުރައްކާވާ ގޮތެއް ސަރުކާރުން ބުނެދޭން ޖެހޭ ކަމަށެވެ. ސަރުކާރުން އެ ވާހަކަތައް ރައްޔިތުންނަށް ވިސްނޭ ގޮތަކަށް ކިޔައިދޭން ޖެހޭ ކަމަށާ ނަމަވެސް އެކަން ސަރުކާރަށް ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

އިންޑިއާ ސިފައިން ބާލަން ޖެހޭ ސަބަބުތަކާއި އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމުގެ ނުރައްކާ އިދިކޮޅު ކޯލިޝަނުން ވަރަށް ސާފުކޮށް ކިޔައިދެމުންދާ ކަމަށް ޔާމީން ވިދާޅުވިއެވެ. އެކަމުގެ މިސާލެއް ގެންނަވާ އެމަނިކުފާނު ވިދާޅުވީ ދިވެހި ފުލުހުންނާއި ސިފައިން އިންޓެލިޖެންސަށް މިއަދު ބަރޯސާވަނީ ހަމައެކަނި އިންޑިއާއަށް ކަމަށެވެ. އެކަން އެހެން އޮވެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އަދި މިއަދު އިންޑިއާއިން ލިބޭނީ އެ ގައުމުން "ފުރާނާފަ" ދިން މައުލޫމާތެއް ކަމަށް ވިދާޅުވެ އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުންނަށް ނޭންގި ދިވެހިރައްޔިތުން ކޮން ބޮޑު މުސީބާތަކުން ސަލާމަތް ކޮށްދޭންތޯ މި އުޅެނީ،" ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބަން ސަރުކާރުން ކުރާ މަސައްކަތަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވިއެވެ.