ރައްޔިތުންގެ މަޖިލިސް

ރައީސް ޔާމީން ހައްޔަރުކުރަން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހިންގަވަމުންދާ "އިންޑިއާ އައުޓް" ހަރަކާތާ ގުޅިގެން އެމަނިކުފާނު ހައްޔަރުކުރަން ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.

ޖާބިރު ހުށަހެޅުއްވި މައްސަލަ މަޖިލީހުން ބަލައިގަތުމާ ގުޅޭ ގޮތުން ނެގި ވޯޓުގައި ފެންނަކަމަށް ވޯޓު ދެއްވީ ހަތަރު މެމްބަރުން ނެވެ. ނުފެންނަކަަމަށް 27 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެހެންކަމުން އެ މައްސަލައާ މެދު ބަހުސްކުރަން ފާހެއް ނުވި އެވެ.

މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޒައާމަތުގައި ރާއްޖެ ވަރަށް ބޮޑަށް ތަރައްގީވަމުންދާ ކަމަށާއި އަދި މި ވަރުގެ ބާރު ދުވެއްޔެއްގައި ރާއްޖެ ކުރިން ތަރައްގީވަމުން ނުދާ ކަމަށެވެ.

އެހެން ނަަމަވެސް "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖޭގެ ތަރައްގީއަށާއި އަވަށްޓެރި ގައުމުތަކުން ރާއްޖެއަށް ދޭ އެހީތަކަށް ހުރަސް އެޅޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ވިދާޅުވި ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ނާތަހުޒީބު ގައުމުތަކުގައި އަމަލުކުރާހެން އެމަނިކުފާނު ކޮށްފައިވާ ވައްކަންތަކާއި ޖަރީމާތައް ފޮރުވަން ކަމަށާއި އަދި ހިންގަވަމުންދާ "އިންޑިއާ އައުޓް" ކެމްޕޭންއަކީ ރާއްޖޭގައި އޮތް އެކުވެރިކަންވެސް ގެއްލުވާލާ ހަރަކާތެއް ކަމަށެވެ.

އެހެންކަމުން ގާނޫނާއި ގަވައިދުގެ ތެރެއިން ރާއްޖޭގެ އަސްކަރިއްޔާ މެދުވެރިކޮށް މި ހިނދުން މި ހިނދަށް ރައީސް ޔާމީން ހައްޔަރުކޮށް ބަންދުކުރަން ޖާބިރު ގޮވާލެއްވި އެވެ.

"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވައި ޖިނާއި ކުށަކަަށް ހަދަން ވެރިކަން ކުރާ އެމްޑީޕީން ބިލެއް މަޖިލީހަށް ހުށަހަޅަން އަނެއްކާ ވެސް މިހާރު ދަނީ ތައްޔާރުވަމުން ނެވެ.

ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ގެންދަވަނީ އިންޑިއާ ސިފައިންގެ އެއްވެސް މީހަކަށް ރާއްޖޭގައި ނުހުރެވޭނެ ކަމަށް ވިދާޅުވެ އިންޑިއާ އައުޓް ކެމްޕޭން އިތުރަށް ވަރުގަދަ ކުރުމަށް ތަކުރާރުކޮށް ގޮވާލައްވަމުންނެވެ. އެހެންވެ އިންޑިއާ އައުޓް ކެމްޕޭނަކީ ދެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ނުރައްކަލަކަށް ވާތީ އެ ކެމްޕޭން ހުއްޓުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް ކެމްޕޭން ހަރަކާތްތައް ދުވަހުން ދުވަހަށް ދަނީ އިތުރުކުރަމުންނެވެ. އެގޮތުން ކޮންމެ ދެ ހަފްތާއެއް ކަހަލަ ގޮތަކަށް އަތޮޅު ތެރޭގެ ކޮންމެވެސް ރަށެއްގައި ދަނީ އިންޑިއާ އައުޓް ހަރަކާތް ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި އިސްކޮށް ހުންނަވަނީ ވެސް ރައީސް ޔާމީން އެވެ.