އިންޑިއާ ސަރުކާރާއެކު ރާއްޖެއިން ހަދައިފައިވާ އަސްކަރީ އެއްބަސްވުންތައް ހާމަނުކޮށްފި ނަމަ ކޯޓަށް ވަޑައިގެންނަވާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
ޖާބިރު މިހެން ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމުގެ ގޮތުން ފައިސާ ޗާޕް ކުރަން މާލިއްޔަތު ކޮމިޓީން ނިންމި ނިންމުމާ ގުޅޭ ރިޕޯޓަށް މިއަދު މަޖިލީހުގައި ކުރި ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ވިދާޅުވީ ރާއްޖެއިން އިންޑިއާއަށް ދަރައިގެން ގައުމުގެ އަސްކަރިއްޔާ "ކޮމްޕްރޮމައިޒް" ކުރަން ނުޖެހޭނެ ކަމަށެވެ. އަދި ދައުލަތުން އިންޑިއާއާއެކު ހަދަފައިވާ އެގްރިމަންޓްތައް ހާމަ ކުރަން ޖެހޭނެ ކަމަށެވެ.
ޖާބިރު ވިދާޅުވީ އެގްރިމަންޓްތައް ހާމަކުރުން ނޫން ގޮތެއް ނޯންނާނެ ކަމަށާއި އެހެން ނޫނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި މަޖިލީހުގައި ހިމެނޭ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ މެމްބަރުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ދާނަން ކޯޓަށް ވެސް އެ މީހުން ގޮވައިގެން. އަޅުގަނޑުމެންގެ ދާއިރާގެ މެންބަރުން ވަރަށް ބިރު ގަނޭ އަސްކަރީ އެގްރިމެންޓެއް އިންޑިއާއެކު ހެދުމުން ... އިންޑިއާ އައުޓް! ނިކަން ބާރަށް އިންޑިއާ އައުޓް! މި މަޖިލީހުން އެބަ ކިޔަން ޖެހޭ އިންޑިއާ އައުޓް! އިންޑިއާއިން މި މަޖިލީހުގެ މެޖޯރިޓީ ކޮންޓްރޯލް ކުރޭ އެބަ. އަޅުގަނޑުމެންގެ ހާރިޖީ އަދި ދާހިލީ ކަންތައްތަކުގެ ތެރެއަށް އިންޑިއާ ވަދެއްޖެ!" ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވި ގޮތުގައި ސަރުކާރުން އިންޑިއާއިން ފައިސާ ނަގައިގެން ގައުމު ހިންގަނީ ގައުމެއް ހިންގަން ނޭނގޭތީ ކަމަށެވެ.
އިންޑިއާއާއެކު ރާއްޖެއިން ހަދައިފައިވާ އަސްކަރީ އެއްބަސްވުންތަކުގެ ތެރޭގައި މަޖިލީހުގެ ކަނޑު އަޑީގެ ޗާޓުތައް ކުރަހަން އިންޑިއާ އާއި ހަވާލު ކުރި ހައިޑްރޮގްރަފީ އެއްބަސްވުމާއި ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓް ކުރުމުގެ އެއްބަސްވުމާއި އުތުރުތިލަފަޅުގައި ބަނދަރެއް ހެދުމާ ބެހޭ އެއްބަސްވުން ހިމެނެ އެވެ. އެ އެއްބަސްވުންތައް އެއްކޮށް މަޖިލީހުގެ 241 ކޮމިޓީގެ މެމްބަރުންނާ ހިއްސާކޮށްފައި ނުވާ އިރު ހަމައެކަނި ދެއްކީ އެއްބަސްވުންތަކުގެ ޕްރެޒެންޓޭޝަނެއް އެކަންޏެވެ. ނަމަވެސް އެ އެއްބަސްވުންތަކުގައި ގައުމީ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް 241 ކޮމިޓީން ރޭ ވަނީ ފާސްކޮށްފަ އެވެ.