އުތުރު ތިލަ ފަޅު

"ލީކް ކުރި އެއްބަސްވުން ފޭކް ކަމަށް ގަބޫލު ނުކުރެވޭ"

މިދިޔަ މަހު އިންޑިއާއާއެކު ރާއްޖޭން ސޮއި ކުރި އުތުރު ތިލަފަޅު (ޔޫޓީއެފް) ގެ އެއްބަސްވުމުގެ ޑްރާފްޓް އެއްބަސްވުމެއް ކަމަށް ބުނެ ދައުރު ކުރާ ލިޔުމަކީ ފޭކެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިލިމާލެ ދާއިރާގެ މިނިވަން މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. ދައުރުވާ ޑޮކިއުމެންޓްތައް ނެރުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރެވެ.

ޔޫޓީއެފް އެއްބަސްވުމުގެ ދަށުން އިންޑިއާގެ އެހީގައި ހަދާ ޑޮކްޔާޑާއި ބަނދަރުގައި ހަތިޔާރާއެކު އިންޑިއާ ސިފައިން ގާއިމްވެތިބެވޭނެ ކަަމަށް ލީކްކޮށްލި ޑޮކިއުމަންޓް ބުނެ އެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް ބުނެފައި ވަނީ އެއީ ފޭކް ލިޔުމެއް ކަމަށެވެެ. ލިޔުން ފޭކް ކަމަށް ބުނެ އެ މައްސަލަ ބަލަން މަޖިލީހުގައި ވެސް މިއަދު ވަނީ ބަހުސް ވެސް ކޮށްފަ އެވެ. ނަމަވެސް އެ އެއްބަސްވުމުގެ އަސްލު ހާމަކޮށްފައެއް ނުވެއެވެ.

ބަހުސްގައި ބައިވެރިވެ ވަޑައިގެން މަޖިލީހުގެ މިނިވަން މެމްބަރު އުޝާމް ވަނީ ޔޫޓީއެފް އެއްބަސްވުމުން މާބޮޑު ތަފްސީލެއް ނުލިބޭތީ އެކަމުގައި ގިނަ ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކެއް އޮތް ކަމަށެވެ.

އުޝާމްވެސް ވިދާޅުވީ ލީކްކުރި އެއްބަސްވުމަކީ ރާއްޖެއާ އިންޑިއާ ސަރުކާރާ ދެމެދު ސޮއިކުރި އެއްބަސްވުން ނޫން ކަަމަށް ވެދާނެ ކަމަށެވެ. ނަމަވެސް އެ ލިޔުމަކީ ފޭކް ލިޔުމެއްކަމަށް ބުނުމުގެ ފުރުސަތު އޮތް ކަަމަށް ދެކިވަޑައި ނުގަންނަވާ ކަމަށެވެ.

"އެ ޑޮކިއުމަންޓްގެ ފުރަތަމަ ޕޭޖްގައި ވެސް ލިޔެފައި މި އޮންނަނީ އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރުން އިންޑިއާ
ސަރުކާރަށް ފޮނުވާފަ އޮންނަ ޑްރާފްޓް އެގްރިމަންޓެއް ކަަމަށް. އެ ވެދާނެ އެ ޑްރާފްޓުގައި އޮތް ގޮތަށް ނޫން ކަމަށް ސޮއިކުރީ. އެހެން ނަމަވެސް އެ ޑޮކިއުމަންޓަކީ ފޭކް ޑޮކިއުމަންޓެއް ކަަމަށް އަޅުގަނޑަށް އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެވޭ. އެ ޑޮކިއުމަންޓަށް އޭގެ ފަހުން ބަދަލުތަކެއް ނާންނަ ވާހަކަ އެއް ނޫން. ސޮއިކުރި ސްޓޭޖްގައި އެ ޑޮކިއުމަންޓަށް ބަދަލުތަކެއް އައިސްފައި އޮވެދާނެ" އުޝާމް ވިދާޅުވި އެވެ.

ލީކްވި ޑޮކިއުމަންޓާމެދު އެކި ގޮތްގޮތައް ވާހަކަ ދެެކެވޭތީ ސޮއިކުރި އެއްބަސްވުމުގައި ޑޮކިއުމަންޓްގައި ބުނާފަދަ އެއްވެސް އެެެއްޗެއް ނުހިމެނޭކަމުގެ ޔަގީންކަމަކީ ދިވެހި ރައްޔިތުން މިވަގުތު އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަން ކަމަށް އުޝާމް ފާހަގަކުރެއްވި އެވެ. އެހެންކަމުން އޭނާ އެދިވަޑައިގަތީ މަޖިލީހުގައި އޮންނަ ސަލާމަތީ ކޮމެޓީ 241 އަށް އެ އެ އެގްރީމަންޓް ހުށަހެޅުމަށެވެ. އެ ކޮމެޓީއަށް ހުށަނޭޅޭ ވަރުގެ އެގްރީމަންޓެއް އޮވެގެން ނުވާނެ ކަމަށް އުޝާމް މިއަދު ވިދާޅުވި އެވެ.

އެ ކޮމެޓީއަކީ ގާނޫނު އަސާސީގެ 241 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ މެމްބަރުން ޝާމިލްވާގޮތަށް އެކުލަވާލައިފައި އޮންނަ ކޮމެޓީ އެކެވެ.

"އެހެންވީމާ ރައްޔިތުންގެ ކަންބޮޑުވުމަށް ރައްޔިޔުން މިކުރާ ސުވާލުތަކަށް ޖަވާބެއް ހޯދުމަށްޓަކައި މި އެގްރީމަންޓް 241 ކޮމެޓީއަށް ގެނެސް މިކަމުގެ ހަގީގަތް ހޯދާ މިކަމުގައި މައްސަލައެއް ނޫޅޭކަން ޔަގީންކުރުމަކީ ރައްޔިތުންގެ މަޖިލީހުން މިއަދު ކުރަން ޖެހޭކަމެއްކަން އަޅުގަނޑު ގަބޫލުކުރަން" އުޝާމް ވިދާޅުވި އެވެ.