އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑް ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީ ކުރަން އިއްޔެ އިންޑިއާ އާއެކުވި އެއްބަސްވުމުގެ ދަށުން "ޓެކްނީޝަނުން" ފަދަ ނަންނަމުގައި އިންޑިއާ ސިފައިން ތިބެދާނެތީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ކަންބޮޑުވުން ފާޅުކުރައްވައި އެކަން ރައްޔިތުންނަށް ސާފުކޮށް ދޭން ގޮވާލައްވައިފި އެވެ.
އިންޑިއާއާއެކު އިއްޔެ ރާއްޖެއިން ހެދި އެއްބަސްވުމުގެ ތަފްސީލް ހޯދަން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހަށް ހުށަހެޅުއްވި މައްސަލައިގެ ބަހުސްގެ ތެރެއަށް ވަދެ ވަޑައިގެން އުޝާމް ވިދާޅުވީ މައްސަލައަކީ ޑޮކްޔާޑަކާއި ބަނދަރެއް ހަދައި ތަރައްގީ ކުރުން ނޫން ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަގީގީ މައްސަލައަކީ އެ ޑޮކްޔާޑު ބެލެހެއްޓުމުގެ ނަމުގައި އިންޑިއާގެ އަސްކަރީ ސިފައިން 15 އަަހަރުގެ ދުވަހުގެ މުއްދަތަށް އުތުރު ތިލަފަޅުގައި ގާއިމްވެ ތިބެން އެއްބަސްވުމުގައި ހިމެނޭ ކަމަށް ތުހުމަތުތައް ކުރެވޭ ކުރެވުމެވެ. އެކަމާ ރައްޔިތުންގެ ކަންބޮޑުވުން އެބަ އޮތެވެ.
އުތުރުތިލަފަޅުގައި ނޭވަލް ބަނދަރެކާއެކު ވަސީލަތްތައް ތަރައްގީ ކުރާނީ މުއާސަލާތީ ވަސީލަތްތަކާއި ރާޑަރުގެ ހިދުމަތާއި ތަމްރީނު ހިމެނޭ ގޮތަށެވެ.
މިލިޓަރީ ސިފައިންގެ ބަދަލުގައި "އޮފިޝަލުން" ނުވަތަ "ޓެކްނީޝަނުން" ފަދަ ނަންނަމުގައި ސިފައިން ކަނޑައަޅާ މުއްދަތުގެ ދާއިމަށް ގާއިމްވެގެން ތިބެވޭނެ ގޮތަށް އެއްބަސްވުން ފަރުމާ ކޮށްފައިވާ ކަމަަށް މަޖިލީހަށް މައްސަލަ ހުށަޙެޅުއްވި ޝިޔާމް ފާހަގަ ކުރައްވައިފައި ވެއެވެ.
ހަމަ އެ މޭރުމުން ވާހަކަފުޅު ދައްކަވައި އުޝާމް ވިދާޅުވީ މީގެ ކުރިން ވެސް ކަން ހިނގާފައި އޮތީ އެފަދަ ގޮތަަކަށް ކަމަށާއި އެހެން ކަމުން މިފަހަރު ވެސް އެކަން އޮގޮތަށް އޮވެދާނެތީ ރައްޔިތުންނަށް އެކަން ސާފުކޮށް ދޭން ޖެހޭނެ ކަމަށެވެ.
"މީގެ ކުރިން ވެސް ހެލިކޮޕްޓަރެއް ދުއްވުމުގެ ނަމުގައި 'ޓެކްނީޝަނުން' އެ ބަސް ބޭނުން ކޮށްގެން އިންޑިއާގެ މިލިޓަރީ ފަރާތްތައް މި ރާއްޖޭގައި ގާއިމްވެތިބިކަން އެއީ ހުރިހާ ރައްޔިތުން ވެސް މިއަދު ގަބޫލުކުރާ ހަގީގަތެއް. އެހެންވީމާ އެކަން އެހެން އޮއްވާ އަނެއްކާ އަނެއް އެއްބަސްވުމުގެ ދަށުން 'ޓެކްނީޝަނުން" ނާއި މިފަދަ ލަފްޒުތައް ބޭނުން ކޮށްގެން އިންޑިއާގެ އެކި އެކި މިލިޓަރީ ފަރާތްތައް ރާއްޖޭގައި ގާއިމްވެތިބެވޭ ގޮތަށް އެއްްބަސްވުމެެއް ހެދުމަކީ ދިވެހި ރައްޔިތުން ގަބޫލު ކުރާނެ ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން" އުޝާމް ވިދާޅުވި އެވެ.
އެއްވެސް ގައުމެއްގެ އަސްކަރީ ބަޔަކު ރާއްޖޭގައި ގާއިމްވާން ތާއީދު ނުކުރައްވާނެކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުތުރުތިލަފަޅުގެ ބަނދަރާއި ޑޮކްޔާޑުގެ އެއްބަސްވުމަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2016 ވަނަ އަހަރު ދެ ގައުމުން އިންޑިއާގައި ސޮއިކުރި ޑިފެންސް އެކްޝަން ޕްލޭންގައި ވެސް ހިމެނޭ ބައެކެވެ. ނަމަވެސް އެ ބަނދަރުހަދަން އެއްބަސްވުމުގައި ސޮއި ނުކުރީ އެކަމުގައި އިންޑިއާއިން ކުރިމަތިކުުރުވި ޝަރުތުތަކުގެ ސަބަބުން އެއީ ގައުމީ ސަލާމަތާއި ސިޔާދަތަށް ބުރޫ އަރާނެ ފަދަަ ކަމަކަށް ވާތީކަމަށް އެ މައްސަލަ ހުށަހަޅުއްވި ޝިޔާމް ވެސް އަދި ކުރީ ސަރުކާރުގެ އޮފިޝަލުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.