ރައްޔިތުންގެ މަޖިލިސް

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދީފި

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ތިރިގެ -- ލޮކް ސަބާގެ ރައީސް ސްރީ އޯމް ބިރްކާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދީފި އެވެ.

ލޮކް ސަބާގެ ރައީސް، ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވީ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިހާރު ވަޑައިގެން އުޅުއްވާ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ލޮކް ސަބާގެ ރައީސްއާ އިއްޔެ ބައްދަލުކުރެއްވުމަށްފަހު އެވެ.

މިބައްދަލުކުރެއްވުމުގައި ދެ ބޭފުޅުން ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ދެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި ގުޅުން މިހާރަށް ވުރެ ބަދަހިކުރަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

މިބައްދަލުކުރެއްވުމުގައި އަބްދުއްރަހީމް ވަނީ ރައްޔިތުންގެ މަޖިލީހުގެ ލައިބްރަރީއާއި އަރުޝީފް އިތުރަށް ތަރައްގީކުރުމަށް އެހީތެރިވެ ދިނުމުގެ ގޮތުން ޑިޖިޓަލް އާކައިވްއެއް ގާއިމުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި އިންޑިއާ އިން ރާއްޖެއަށް އަބަދުވެސް ބަހައްޓާ ގާތް ކަމަށް ޝުކުރު އަދާކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ލޮކް ސަބާގެ ރައީސް ވިދާޅުވީ ޒަމާނީ ބަދަލުތައް ގެނައުމަށާއި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެވެން އޮތް ދާއިރާތަކުން އެހީވުމަށް އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.

އަބްދުއްރަހީމް އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި މަޖިލީހުގެ އަމީންއާންމުވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.