ދުނިޔެ

ތާލިބާނުންގެ ސަރުކާރު ބަލައި ނުގަންނަން: އީރާން

އަވައްޓެރި އަފްޣާނިސްތާންގައި ތާލިބާނުން މިހާރު އުފައްދާފައި އޮތް ސަރުކާރު ބަލައިގަންނަ ހިސާބަށް އަދި ނުދާ ކަމަށް އީރާނުން ބުނެފި އެވެ.

އީރާން ފޮރިން މިނިސްޓްރީގެ ތަރުޖަމާން ސައީދު ޚަތީބުޒާދާ ވިދާޅުވި ގޮތުގައި މިއަދުގެ ހާލަތު އޮތީ ތާލިބާނުންގެ ސަރުކާރު ބަލައިގަނެގެން ކޮޅެއްގައި ޖެއްސޭ ގޮތަކަށް ނޫނެވެ.

ތާލިބާނުންނަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ޖަމާއަތަކަށް ވާން ޖެހޭ ކަމަށް ތަރުޖަމާން ވިދާޅުވި އެވެ. އަފްޣާންގައި ވެރިކަންކުރަން އެދޭ ނަމަ ތާލިބާނުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ދައްކާ ވާހަކަ އަމަލުން ސާބިތުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަފްޣާންގައި ތާލިބާނުން ސަރުކާރު އެކުލަވާލި ގޮތް ކަމުނުދާ ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ. ސަރުކާރު އެކުލަވާލުމުގައި ބައިމަދު ޖަމާއަތްކާއި އަފްޣާން ހިއްސާ އޮންނަ ހުރިހާ ޖަމާއަތްތަކަށް ބައިވެރިވެވެން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީރާންގައި އޮންނަނީ ޝީއީ ސަރުކާރެކެވެ. ސުއްނީ ހަމަތަކަށް ތަބާވާ ޖަމާއަތްތަކާ ގުޅުމަކީ އީރާން ނަފުރަތުކުރާ ކަމެކެވެ. އެހެންކަމުން ކޮންމެވެސް ކަމެއް ދައްކާއިގެން ނަމަަވެސް ބައިބައިވެ ގަތުމަށް އީރާން މަގުފަހިކުރެ އެވެ.

އަފްޣާނިސްތާން އާއި އީރާން އަކީ އެއްބޯޑަރު ހިއްސާކުރާ ދެ ގައުމެވެ. އަފްޣާންގައި ތާލިބާނުން 1996-2001 އަށް ވެރިކަން ކުރިއިރު ވެސް، ތާލިބާނުންގެ ސުންނީ ހަރަކާތްތައް އީރާނުން ބަލައިގެންފައެއް ނުވެ އެވެ.