އަފްޣާނިސްތާން

ކާބުލް އެއާޕޯޓް ހިންގަން ޔޫއޭއީ އާއެކު ތާލިބާނުން ޑީލަކަށް

އަފްޣާނިސްތާންގެ ވެރިކަން ތާލިބާނުން ޖަހައިގަތް ފަހުން އުޅެނީ ކާބުލް އެއާޕޯޓް ހިންގައިދޭނެ ބަޔަކު ނުވެގެންނެވެ. ބައެއް ފަހަރު ތުރުކީން ހިންގައިދޭނެ ކަމަށް ތާލިބާނުން ބުނެ އެވެ. ކާބުލް އެއާޕޯޓާ ގަތަރުން ހަވާލުވާނެ ކަމަށް ވެސް ކުރިން ވަނީ ބުނެފަ އެވެ.

ކާބުލް އެއާޕޯޓް ހިންގުމާ ބެހޭ ގޮތުން މިހާރު އޮތީ މުޅިން އާ ވާހަކަތަކެކެވެ. ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއެކު ތާލިބާނުން ޑީލެއް ހަދަން އުޅޭ ވާހަކަ އެވެ.

ދެ ގައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތައް ވަރަށް ގާތުން އަޑުއަހައި ވާނުވާ އެނގޭ މީހަކު ބުނި ގޮތުގައި ކާބުލް އެއާޕޯޓް ހިންގަން ދެން ހަވާލުވާނީ ޔޫއޭއީ އެވެ.

ޔޫއޭއީ އާއެކު ހަދާ ތާލިބާނުން ހަދާ ޑީލްގައި އަފްޣާނިސްތާންގައި ހުރި ބައެއް އެހެން އެއާޕޯޓްތައް ވެސް ޔޫއޭއީއާ ހަވާލުކުރާނެ އެވެ.

ތުރުކީ އާއި ގަތަރާއެކު ތާލިބާނުން ކުރި މަޝްވަރާތަކަށް ވީގޮތެއް ނޭނގެ އެވެ. ތާލިބާނުން މިހާރު ބުނާ ގޮތުން ޔޫއޭއީ އާއި ތުރުކީ އަދި ގަތަރު ގުޅިގެން އެއާޕޯޓް ހިންގުމަށް ވުރެ ކަމުދަނީ ޔޫއޭއީ އެކަނި އެ މަސައްކަތްތަކާ ހަވާލުވުމެވެ.

އަފްޣާނިސްތާންގައި ތާލިބާނުން ވެރިކަން ކުރަން ފެށިފަހުން އަފްޣާން އޮންނަނީ ދުނިޔެއިން ބާކީވެފަ އެވެ. ތާލިބާނުންގެ ސަރުކާރު ބަލައިގަތުމަށް ގައުމުތަކުގެ ކިބައިން ތާލިބާނުން އެދުނު ނަމަވެސް އެކަން އަދި ވެސް ވާ ގޮތަކަށް ނޫނެވެ.

ތާލިބާނުން، ތާލިބާނުންގެ ގޮތުގައި ބަލައިގަތުމަކީ އެއްވެސް ގައުމަކުން ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އަފްޣާން އާންމު ރައްޔިތުންގެ މައްޗަށް ތާލިބާނުން ވެރިވެ ހިތުހުރިހާ ގޮތަކަށް ބާރުހިންގާ ނަމަ ގައުމުތަކުން ތާއީދު ނުކުރާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޔޫއޭއީ އާއެކު ތާލިބާނުން ކުރަމުންދާ މަޝްވަރާތައް ވަރަށް އަވަހަށް ކޮޅެއްގައި ޖެހޭނެ ކަމަށް ވެއެވެ. ތާލިބާނުން އެދޭ އެއްގޮތަކީ އަފްޣާން ރައްޔިތުންނަށް ވަޒީފާގެ ފުރުސަތު އޮވެފައި އެއާޕޯޓްގެ ސެކިޔުރިޓީ އާއި ގްރައުންޑް ހޭންޑްލިން ޔޫއޭއީގެ ކުންފުންޏަކުން ބެލެހެއްޓުމެވެ.

އޮފިޝަލް ބުނި ގޮތުގައި މިހާރު ކުރިއަށް ދަނީ އަފްޣާންގެ ވައިގެ ސަރަހައްދު ބޭނުން ކުރެވެން ޖެހޭ ގޮތާ މެދު ދެގައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކެވެ.