ދުނިޔެ

ޔޫއޭއީގެ ރައީސް މިސްރަށް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝެއިޚް މުހައްމަދު ބިން ޒައިދު އައްނަހްޔާން ކުރިއާލައި އިއުލާން ކުރެއްވުމެއް ނެތް ދަތުރެއްގައި މިސްރަށް ވަޑައިގެންފި އެވެ.

މުހައްމަދު ބިން ޒައިދު މިސްރުގައި ހޭދަކުރައްވާނީ ކިތައް ދުވަސް ކަމެއް ހާމަކޮށްފައެއް ނުވެ އެވެ. އެހެންނަމަވެސް މި ދަތުރަކީ މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއާ މަޝްވަރާ ކުރެއްވުމަށް ކުރެއްވި ދަތުރެއް ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.

ޔޫއޭއީ އާއި މިސްރުގެ ވެރިން މިފަހަކުން ވަރަށް ގިނަ ގިނައިން ބައްދަލުކުރައްވަ އެވެ.

މިސްރުގައި އިންވެސްޓްކުރަން ޔޫއޭއީ ހިންގާ ޕްރޮގްރާމްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަކީ ވެސް ދެ ލީޑަރުންގެ އެޖެންޑާގައި އޮތް ކަމެއް ކަމަށް ޚަބަރުތައް ބުނެ އެވެ.

މެދުއިރުމައްޗާއި ގަލްފް ސަރަހައްދު ހިމެނޭ ގޮތުން މަސްލަހަތު ހިމާޔަތްކުރުމަށް ވެސް ދެ ލީޑަރުން މަޝްވަރާ ކުރައްވާނެ އެވެ.

ސަރަހައްދު ބައިބައިނުވެ އެކަތިގަނޑެއްގެ ގޮތުގައި ދެމެހެއްޓުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ބެލެވެ އެވެ.

ބައިނަލްއަގްވާމީ މަސްރަަހުގައި އަރަބި ދުނިޔެއަށް މުހިންމު މައުލޫތަކަށް ވެސް ދެ ލީޑަރުން އަލިއަޅުއްވާ ލައްވާނެ އެވެ.

ޔުކްރޭން ހަނގުރާމަ އާއި އަދި ހަނގުރާމައާ ގުޅިގެން ތެލުގެ މާކެޓަށާއި ކާބޯތަކެއްޗަށް އަންނަ ބަދަލުތަކަކި ވެސް ސިޔާސީ ލީޑަރުންގެ އެޖެންޑާއިން ތަންހޯދާފައިވާ މުހިންމު ދެ މައުލޫ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައިގެ ސަބަބުން މެދުއިރުމައްޗަށް ކޮށްފާނެ އަސަރުތައް ކުރިއާލައި ދިރާސާކުރުމާއި ތަކެތީގެ އަގު ކޮންޓްރޯލްކުރުން އަދި ތެލުގެ މާކެޓް ހީނަރުވުމުން ސަލާމަތްކުރުމަކީ ވެސް ދެ ލީޑަރުން ޚިޔާލު ފާޅުކުރައްވާނެ ދެ މައުލޫ ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.