އެމެރިކާއިން ގަލްފް ގައުމުތަކަށް ހަތިޔާރާއި އަސްކަރީ އުޅަނދު ވިއްކަން އެއްބަސްވެ ވައުދު ނުފުއްދައި އޮތީ ދިގުދަންމާފަ އެވެ. މިހެން ކަން އޮއްވައި ގަލްފުގެ މުއްސަންދި ގައުމުތަކުން އެމެރިކާ ދޫކޮށް އެހެން ގައުމުތަކާ ދިމާއަށް ދާން ފެށުމުން ސިއްސައިގެން ގޮސް މިހާރު އޮތީ ނިދި ފިލާފަ އެވެ.
އަނެއްކޮޅުން ރަޝިއާއިން ޔުކްރޭނަށް އަރައި ދެމުން ގެންދާ އުދުވާނީ ހަމަލާތަކުގެ ޝޮކް އެމެރިކާއަށް ވެސް އޮތީ ފޯރާފަ އެވެ. ރަޝިއާއަށް އިގުތިސާދީ ގޮތުން ދަތިކުރުމަށް ރަޝިއާގެ ހަކަތަ މާކެޓް ދޫކޮށްލަން ބެލިއިރު އެމެރިކާއާ ޔޫރަޕަށް އޮތް އެންމެ ކުރުމަގަކީ ގަލްފު ގައުމުތަކެެވެ.
ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާއިން ޗިނޫކް މަރުކާގެ އަސްކަރީ މުދާއުފުލާ ހެލިކޮޕްޓަރު މިސްރަށް ވިއްކަން އޯކޭދީފި އެވެ. މިއީވެސް ދިގުދަންމާފައި އޮތް ޑީލެކެވެ. މިސްރުން އާންމު ގޮތެއްގައި އަސްކަރީ ބާރުވެރިކަން ހޯދަނީ ފްރާންސުންނެވެ.
މިސްރަކީ ރަސްމީކޮށް ގަލްފް ގައުމެއް ނޫން ނަމަވެސް، މިސްރުގެ ކޮނޑުގައި އެމެރިކާއަށް އަތްއަޅުވާ ލެވިއްޖެ ނަމަ ގަލްފްގައި ތެޔޮ ކޮންޓްރޯލްކުރާ ގައުމުތަކަށް ވާސިލްވާން ލައްކަ ބޮޑު ފަސޭހައަކަށް ވާނެ އެވެ.
މިސްރަކީ މެދުއިރުމަތީގައި އަދި ގަލްފްގެ ހަތް ގައުމުގެ މެދުގައި މަގުބޫލު ގައުމެކެވެ. އެމެރިކާ އިސްވެ އިޒްރޭލަށް ރަނގަޅު ގޮތް ހޯދައިދޭން ކުރާ މަސައްކަތްތަކުގައި ވެސް މިސްރަކީ އެކުވެރިއެކެވެ.
ޕެންޓަގަނުން ބުނާ ގޮތުން ބޮއިން އުފައްދާ ޗިނޫކް މަރުކާގެ 23 ހެލިކޮޕްޓަރު މިސްރަށް ގެންގޮސްދޭނެ އެވެ. މި ޑީލްގެ ޖުމުލަ އަގަކީ 2.6 ބިލިއަން ޑޮލަރެވެ. އޭގެ ތެރޭގައި ހެލިކޮޕްޓަރާއި އަދި ގުޅުން ހުރި އެހެނިހެން ސާމާނު ހިމެނެ އެވެ.