ދުނިޔެ

މިސްރުން ހަތިޔާރު ފޮނުވަން އެމެރިކާ ޕްރެޝަރުކުރަނީ

ޔުކްރޭނަށް ހަތިޔާރު ފޮނުވަން އެމެރިކާ ކިތަންމެ ޕްރެޝަރެއް ކުރި ނަމަވެސް ހަނގުރާމައިގެ ތެރެއަށް ވަދެ ވަކިކޮޅެއް ނެގުމުގެ ވިސްނުމެއް ނެތް ކަމަށް މިސްރުން ބުނެފި އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމައިގައި މިސްރުން ގެންގުޅެނީ ވަކި ކޮޅަކަށް ބުރަނުވުމުގެ ސިޔާސަތެކެވެ.

މިސްރުން ގަބޫލުކުރަނީ އެމެރިކާގެ ޕްރެޝަރުގައި ޖެހިގެން ޔުކްރޭނަށް ހަތިޔާރު ފޮނުވައިފިނަމަ ވަކިކޮޅަކަށް ބުރަވެ -- ހަނގުރާމައިގައި ބައިވެރިވެވުނީ ކަމަށެވެ.

މިސްރުގެ ކިބައިން އެމެރިކާ އެދިފައި އޮތީ ޔުކްރޭނަށް ބޭނުންވާ އުންޑަ ތައްޔާރުކޮށް ފޮނުވުމަށެވެ. އޭގެތެރޭގައި މަތިންދާބޯޓަށް ހަމަލާދޭ ޓޭންކްތަކުގައި ބޭނުންކުރާ އުންޑަވެސް ހިމެނެ އެވެ.

ވޯލް ސްޓްރީޓް ޖާނަލުން ބުނާ ގޮތުން މިސްރުގެ ކިބައިން އެމެރިކާ އެތައް ފަހަރަކު މިކަމަށް ވަނީ އެދިފަ އެވެ. މީގެތެރޭގައި ފާއިތުވި މާޗުގައި އެމެރިކާގެ ޑިފެންސް މިނިސްޓަރު ލޮއިޑް އޮސްޓިން މިސްރުގެ ރައީސް އަބްދުލް ފައްތާހް އައްސީސީއާ ބައްދަލުކުރައްވައި ޔުކްރޭނަށް އަސްކަރީ ގޮތުން އެހީތެރިވާން އެދިވަޑައިގެންވި އެދިވަޑައިގެންނެވުން ހިމެނޭ ކަމަށް ވޯލް ސްޓްރީޓް ޖާނަލުން ބުނެ އެވެ.

އެމެރިކާގެ އޮފިޝަލުންނާ އެކު މިސްރުގެ ވެރިން ކުރެއްވި މަޝްވަރާތަކުގައިވެސް، ތަފާތު އެތައް ފަހަރަކު ވަނީ ޔުކްރޭނަށް ހަތިޔާރު ފޮނުވަން ދެކޮޅު ހަދާފަ އެވެ.

މިސްރުގެ އޮފިޝަލުން ބުނި ގޮތުން އެމެރިކާ ކިތަންމެ ޕްރެޝަރު ކުރި ނަމަވެސް، މިސްރުން ދެކޭ ގޮތް ބަދަލެއް ނުކުރާނެ އެވެ.

ޔުކްރޭން ހަނގުރާމަ ފެށުނު ފަހުން ރަޝިއާއާށް ރޮކެޓް ވިއްކާނެ ފުރުސަތުތަކެއް ވެސް މިސްރަށް ލިބުނެެވެ. މިއީ ވަރަށް ބޮޑު ޑީލެއް ނަމަވެސް، ވަކި ކޮޅަކަށް ނުޖެހޭ ސިޔާސަތެއްގައި އޮތުމަށް މިސްރުން މި ޑީލް ވެސް ގަބޫލެއް ނުކުރި އެވެ.

މިސްރުގެ ވިސްނުމަކީ ރަޝިއާއަށް އަދި އެމެރިކާއަށް ވެސް ދެރަ ގޮތް ނުވުމެވެ. މިހެންކަމުން ވޮޝިންޓަނުން އަދި މޮސްކޯއިން އެދުނު ނަމަވެސް، ވަކި ކޮޅަކަށް ޖެހުމަކީ މިސްރުން ކުރާނެ ކަމެއް ނޫން ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ.