ދުނިޔެ

ފްރާންސަށް ތެޔޮ ހޯދަން ގަލްފަށް

އެމެރިކާ ބުނާ ބަހަށް ހެއްލި ރަޝިއާގެ ހަކަތަ ގަތުން ހުއްޓާލުމުން ފްރާންސަށް ތެލާއި ގުދުރަތީ ގޭހުގެ ދަތިކަން ކުރިމަތިވެދާނެ ކަމަށް ބިރު ހީވެއްޖެ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ފްރާންސްގެ އޮފިސަލުން ގަލްފްގައި މިހާރު އަވަދިނެތި ތެޔޮ ހޯދަނީ އެވެ.

ފްރާންސްގެ މާލީ ވަޒީރު ބްރޫނޯ ލެ މަޔާ ވެސް ވަނީ ދުރުދުރުން މިވާހަކަތަކަށް އިޝާރާތް ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި ތަދުމަޑުކަމެއް ލައިގަތުމުގެ ކުރިން ކާބޯތަކެތި ރައްކާކުރާ ބީދައިން ތެޔޮ ރައްކާކުރަން އޮތީ ޖެހިފަ އެވެ.

ބްރޫނޯ ވިދާޅުވި ގޮތުގައި ސަހަލު ގޮތެއްގައި މިވަގުތު ތެޔޮ ލިބޭނެ ކަމަށް ބެލެވެނީ ގަލްފުންނެވެ. އޭނާ އަދި ވިދާޅުވި ފްރާންސަށް ބޭނުންޖެހޭ ތެޔޮ ހޯދަން ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއެކު މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.

ރަޝިއާއިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ހަމަލާތައް ކުށްވެރިކުރުމުގެ ގޮތުން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ގައުމުތަކުން ވަނީ ރަޝިއާގެ ހަކަތަ ގަތުން ހުއްޓާލާފަ އެވެ.

މާލީ ވަޒީރު ވިދާޅުވި ގޮތުގައި ބޮޑު ކަންތައް ގަނޑެއް ލައިގަތުމުގެ ކުރިން ފްރާންސުން ތައްޔާރުވާން ޖެހެ އެވެ. ތެޔޮ ލިބޭނެ ގޮތެއް ކުރިއާލައި ވިސްނާފައި ނެތް ނަމަ ވަރަށް ބޮޑު ކެއްސެއް ލިބިދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ބްރުނޯ ވިދާޅުވި ގޮތުގައި ތެލަށް ބަރޯސާކުރާ މިންވަރު ކުޑަކުރުމަށް ފްރާންސްގެ ގާނޫންތަކަށް ވެސް ބަދަލު ގެންނަން ޖެހެ އެވެ. ހަކަަތައް އުފެއްދުމަށް އެހެން ދިމަދިމާގައި އިންވެސްޓް ކުރަން ވަގުތު ޖެހިއްޖެ ކަމަށް ވެސް ވިދާޅުވި އެވެ.

ފްރާންސަށް ބޭނުންވާ ތެލުގެ 30 ޕަސެންޓް މީގެ ކުރިން ސަޕްލައިކުރީ މޮސްކޯއިންނެވެ. އަދި ހަކަތައިގެ އެހެނިހެން ބާވަތްތައް ހޯދުމުގައި ފްރާންސުން އޮތީ ރަޝިއާއަށް ބަރޯސާކޮށްގެންނެވެ.

ހުޅަނގުން ގަބޫލު ކުރާ ގޮތުގައި ރަޝިއާއަށް ފައިސާ ލިބެން ހުރި ކޮޅުމަތިތައް ބަންދުކުރުމުން ޔުކްރޭން ހަނގުރާމަ ހުއްޓާލަން މަޖުބޫރުވާނެ އެވެ. އަދި އިގުތިސޯދީ ގޮތުން ރަޝިއާ ބަލިކަށި ކުރުމުން ހުޅަނގުން ބޭނުންވާ ގޮތަށް ދުނިޔެ ތަރުތިބު ކުރެވޭނެ އެވެ.

އެކަމަކު ރަޝިއާ ބުނާ ގޮތުން ހުޅަނގުން އަޅާފައި ހުރި ދަތިކުރުމުގެ ފިޔަވަޅުތަކުން މާބޮޑު ގެއްލުމެއް ނުވެ އެވެ. އޭގެ ބަދަލުގައި ވަނީ ފައިދާ އެވެ.